24 ޖެނުއަރީ 2019 - 16:43

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ރަނގަޅީ ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް މި ވިދާޅުވީ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެކުގައި ވާދަކުރަން އެއްބަސްވި ކަމަށާއި އެ އެއްބަސްވުމާ ޚިލާފުވީ އެމްޑީޕީން ކަމަށް ޖުމްހޫރީ ޕާޓީން ތުހުމަތުކޮށްފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީން އެއްބަސްވުމާ ޚިލާފުވެ، ޖޭޕީ ވަނީ "މަގުމަތިކޮށްލައިފަ" އެވެ. އެހެންވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، މަޖިލީސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާ އެކުގައި މަސައްކަތް ކުރަން ތިބި އެންމެންނަށް، މަޝްވަރާގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެމްޑީޕީއާ މެދު އޮތް ހިތްހަމަނުޖެހުންތަކުގައި، ކޯލިޝަން ދެމިއެބައޮތްތޯ ވެސް ގާސިމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ކޯލިޝަން ސަރުކާރާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ މަޖިލީސް އިންތިޚާބުގައި ޕާޓީތަކުން ވާދަކުރުމާ ގުޅޭ ގޮތުން ހުރިހާ ޕާޓީތަކުން އެއްބަސްވެ ސޮއިކޮށްފައިވާ ލިއުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު، ޖުމްހޫރީ ޕާޓީއާ އެކު އެމަނިކުފާނާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރެއްވި އެއްބަސްވުމެއް އޮތް ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ކަނޑަނޭޅި އުފެދުނު ހިޔާލުތަފާތުވުންތައް ފަހު ވަގުތު ހައްލުކުރެވުނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިހާބާއި ކައުންސިލް އިންތިޚާބުގައި އެކުގައި ވާދަކުރަން ވަކިވަކިން އެއްބަސްވެ އެވެ. ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި ޕާޓީތަކުގެ އިސް ބޭފުޅުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގަ އެވެ.
އެ އެއްބަސްވުން އޮތް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގޮނޑިތައް ކަނޑައެޅުމާ ގުޅޭ ގޮތުން ހުރިހާ ޕާޓީތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. މިހާތަނަށް އެކަމަށް އެއްބަސްވެވި ގޮތެއް ނިމިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަތަރު ޕާޓީ އެކަމުގައި ސޮއިކޮށްފައިވާ ލިއުމެއް ނެތް ވާހަކަ އަޅުގަނޑު އަނެއްކާވެސް މި ދެންނެވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ ވައުދުތައް ފުއްދުމަށް، ސަރުކާރަށް މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހެކެވެ. ސަރުކާރަށް މެޖޯރިޓީ އޮތުން މާނަކުރައްވާނީ، ކޯލިޝަންގެ ހުރިހާ ޕާޓީތަކުގެ މެޖޯރިޓީ އޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
އެއާއެކު ރައީސް ވިދާޅުވީ ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ. ކޯލިޝަން ދަމަހައްޓަން ހަތަރު ލީޑަރުން ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާތަނަށް އައިި އިރު ކޯލިޝަންގައި ހަމަނުޖެހުން އުފެދޭވަރުގެ އެއްވެސް ކަމެއް އެއްވެސް ޕާޓީއަކުން ކުރައްވާފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.
ކޯލިޝަން ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ހޯދައިދެއްވާނެ ކަމަށް ވިދާޅުވި ވައުދު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. ކޯލިޝަނެއް ދެމިއޮންނާނެ ގޮތާއި ކޯލިޝަން ސަރުކާރެއް ބައްޓަން ކުރެވިފައި އޮންނާނެ ގޮތުގެ ގާނޫނެއް އެކުލަވާލާނެ އެވެ.
"ގާނޫނުއަސާސީ އަށް ވެސް އެ ބަދަލު ގެންނަން ޖެހޭ ކަމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ދެކެވުނު ވާހަކަތަކުން އެއްބަސްވެވިފައި އޮތީ،" ރައީސް ވިދާޅުވި އެވެ.