ސުޕްރީމް ކޯޓާ ހެދި ވަކީލު ކަމުގެ ހުވާ ނުކުރެވި އެތައް ބަޔަކު ކިޔޫގައި!
ސުޕްރީމް ކޯޓާ ހެދި ވަކީލު ކަމުގެ ހުވާ ނުކުރެވި އެތައް ބަޔަކު ކިޔޫގައި!

ރާއްޖެ އާއި ބޭރު ގައުމުތަކުން ކިޔެވި އެތައް ބަޔަކަށް ގާނޫނީ ވަކީލު ކަމުގެ ހުވާ ނުކުރެވި ލަސްވަމުންދާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.

ގާނޫނީ ވަކީލު ކަމުގެ ހުވާކުރުމުގެ އިންތިޒާމްތައް ކުރިން ހަމަޖައްސަނީ އެޓާނީ ޖެނެރަލް އޮފީހުންނެވެ. އެކަމަކު އެއީ ސުޕްރީމް ކޯޓުން ކުރާ ކަމެއްގެ ގޮތަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ބަދަލުކޮށްފަ އެވެ.

އެ ކޯޓުން ނިންމާފައި ވަނީ ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުން އަހަރަކު ދެ ފަހަރު ކުރިއަށް ގެންދާށެވެ. އެކަމަކު އެ ކޯޓުން އެކަމާ ހަވާލުވި ފަހުން މިހާތަނަށް އަދި އެންމެ ފަހަރަކު ވެސް ހުވާކުރުން ކުރިއަށް ނުގެންދާ ކަމަށް ބައެއް ވަކީލުން ވިދާޅުވި ނަމަވެސް، ސުޕްރީމް ކޯޓުގެ ވެބްސައިޓްގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރުމަހު ތެރޭގައި 27 މީހަކު ވަނީ ވަކީލުކަމުގެ ހުވާ ކުރައްވައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ މީހުން ހުވާކުރަން ކިޔޫގައި ތިބި ކަމަށް ވެ އެވެ. ހުވާކުރަން ބޭނުންވާ މީހުން ކުރިމަތިލާން މިދިޔަ އެޕްރީލް މަހުގެ ފުރުސަތު ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލައި ފައިސާ ވެސް ވަނީ ދައްކައިފަ އެވެ.

އެކަމަކު ފަހުން އެ އިއުލާންގެ މުއްދަތު މިދިޔަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.

"ކުރިން ވަރަށް ރަނގަޅަށް ކުރަމުން ދިޔަ ކަމަކާ ސުޕްރީމް ކޯޓުން އަމިއްލަ އަށް ހަވާލުވެ ލަސްވަމުން މިދަނީ. އިއުލާނުގެ މުއްދަތު އިތުރުކޮށްފައި އަދިވެސް ހުވާކުރުން ކުރިއަކަށް ނުގެންދޭ،" ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޓުތަކަށް ގޮސް ވަކާލާތު ކުރެވޭނީ ހުވާކުރާތާ އެއް އަހަރު ފަހުން ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ކުރިން، ހުވާކުރި ވަކީލުން ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި އެކަންކަން ލަސްވުމަކީ އެތައް ބައަކަށް އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށް ވެސް "މިހާރާ" ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އެވެ.

"އަހަރަކު ދެ ބުރު ބާއްވާގޮތަށް ހަމަޖައްސާފައި އެއް ފަހަރު ވެސް ހުވާކުރުން އަދި ނުގެންދާތީ ދެ ވަނަ ބުރެއް މި އަހަރު އޮންނާނެތޯ ވެސް މިވަނީ ސުވާލު އުފެދިފައި،" އޭނާ ވިދާޅުވި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކީލުކަމުގެ ހުވާކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމަށް ފަހު މުއްދަތު އިތުރުކުރީ ގިނަ ބަޔަކަށް ފުރުސަތު ދޭންވެގެން ކަމަށެވެ. ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައަޅާނީ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމަށް ހާއްސަ ކޮމެޓީއަކުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުވާކުރުން ލަސްވަނީ ކީއްވެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.