24 ޖެނުއަރީ 2019 - 14:06

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރާ ތަހުގީގަކަށް ބޭނުންވާ މައުލޫމާތު، އައިޖީއެމްއެޗުން ނުދީގެން އެ ހޮސްޕިޓަލާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
އެޗްއާރްސީއެމުން ކުރި ޓްވީޓުގައި ބުނީ އައިޖީއެމްއެޗުން މައުލޫމާތު ނުދީގެން ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް މިއަދު ކޯޓަށް ހާޒިރުވެފައިވާ ކަމަށެވެ. ނަމަވެސް ދައުވާ އުފުލީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އެ ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި، އިންސާނީ ހައްގުތައް ގެއްލޭ އެތައް ކަމެއް ހިނގިއިރު ވެސް އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ހިމޭނުން ކަމަށް ބުނެ އެ ކޮމިޝަނަށް ވަރަށް ބޮޑު ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް އާ ސަރުކާރާ އެކު، އެޗްއާރްސީއެމް ވަނީ ހަރަކާތްތެރިވެފަ އެވެ.
އެގޮތުން، ފުލުހުންގެ ބަންދުގައި ހުއްޓައި މިިދިޔަ ހަފުތާގައި މަރުވި އަންހެން މީހާގެ މައްސަލަ ވެސް އެޗްއާރުސީމުން އަންނަނީ ބަލަމުންނެވެ. އަދި އޭނާ މަރުވިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މައްސަލައިގެ ތަހުގީގު އެޗްއާރްސީއެމުން ވަނީ ފަށައިފަ އެވެ.