24 ޖެނުއަރީ 2019 - 12:32

ވޮޝިންޓަން (ޖެނުއަރީ 24) - އެމެރިކާ ސަރުކާރު ހުއްޓިފައި އޮތުމުން ކޮންގްރެސްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ބަޔާން ދެއްވުން ފަސް ކުރައްވައިފި އެވެ.
ކޮންގްރެސްގައި ޓްރަމްޕް ތަގްރީރު ދެއްވުމަށް ހައުސްގެ ރައީސް ނެންސީ ޕެލޮސީ ދެއްވި ދައުވަތު ވަނީ އަނބުރާ ގެންދަވައިފަ އެވެ. އެކަމަނާ ވިދާޅުވެފައި ވަނީ ރިޔާސީ ބަޔާން ދެއްވުމުގެ ކުރިން ސަރުކާރުގެ ޚިދުމަތްތައް ފުރަތަމަ ފަށަން ޖެހޭނެ ކަމަށެވެ.
މެކްސިކޯ ބޯޑަރުގައި ރާނާ ފާރަަށް ފައިސާ ހަމަޖައްސައި ނުދީގެން ބަޖެޓް އެޕްރޫވް ކުރުމަށް ޓްރަމްޕް ދެކޮޅު ހެދުމުން ޑިސެމްބަރު 22 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ބޮޑު ބައި ވަނީ ހުއްޓިފަ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް ސަރުކާރު ހުއްޓިފައި އޮންނަ އެންމެ ދިގު މުއްދަތެވެ. ފެޑެރަލް ސްޓާފުންގެ 800،000 މީހުންނަށް މުސާރައެއް ނުދެވެ އެވެ. ފާރު ރޭނުމަށް 5.7 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ފައިސާ ހަމަޖައްސައިދިނުމަށް ޑިމޮކްރެޓިކުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ ޝެޑިއުލާ އެއްގޮތަށް ރިޔާސީ ބަޔާން ދެއްވާނެ ކަމަށެވެ. ރިޔާސީ ބަޔާން ދެއްވުމަށް ޝެޑިއުލްކޮށްފައި ވަނީ މި މަހު 29 ގަ އެވެ.