24 ޖެނުއަރީ 2019 - 11:25

ކޮލަމްބޯ (ޖެނުއަރީ 24) - ނޭޝަނަލް ޑިމޮކްރެޓިކް ފްރަންޓުގެ ނަމުގައި ސިޔާސީ އާ އިއްތިހާދެއް ކުރިއަށް އޮތް ދެ ހަފުތާ ތެރޭ އުފައްދަވާނެ ކަމަށް ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ކުރިމަގުގައި ނޭޝަނަލް ޑިމޮކްރެޓިކް ފްރަންޓް ވެގެންދާނީ ވަރަށް ފުޅާ ކޯލީޝަނަކަށް ކަމަށް ރަނިލް ވިދާޅުވި އެވެ. އަދި އެ ކޯލީޝަން ލީޑް ކުރާނީ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ކަމަށް ވިދާޅުވި އެވެ. އެހެން ޕާޓީތަކުން އެ ކޯލިޝަނުގައި ގުޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ހައުސިން ސްކީމެއްގެ ދަށުން ހެދި ގެތަކެއް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރަނިލް ވިދާޅުވީ އޭނާގެ ސިޔާސީ ވާދަވެރިން އުޅޭ ގޮތަށް ގައުމު ބައިބައި ކުރަން އޭނާ ބޭނުން ނުވާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ގައުމު ބައިކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އެއީ ތަރައްގީއާ ދެކޮޅު ހަދާ ބަޔަކަށް ކަމަށްވާތީ ކަމަށެވެ.
ރަނިލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިންޑިއާ ކަނޑުގެ މައި ހަބަކަށް ކޮލަމްބޯ ހެދުން ކަމަށެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ރަނިލްއާ ދެމެދު މިދިޔަ މަހު ފަހުކޮޅު ޖެހުނު މައްސަލަ ހައްލުކުރުމަށް ފަހު ދެ ބޭފުޅުން މިހާރު ވަނީ އެކުގައި މަސައްކަތް ކުރަން ފައްޓަވައިފަ އެވެ.