ލޯނެއްގެ މައްސަލާގައި ޝިލްޕާ ޝެޓީގެ އާއިލާ ގޮވައިގެން ކޯޓަށް
ލޯނެއްގެ މައްސަލާގައި ޝިލްޕާ ޝެޓީގެ އާއިލާ ގޮވައިގެން ކޯޓަށް

ޝިލްޕާ ޝެޓީގެ ބައްޕަ ނަގާފައިވާ ލޯނެއް އަނބުރާ ނުދައްކައިގެން އެ އާއިލާ އަށް ދައުވާކޮށްފި އެވެ.

އޮޓޯ މޮބައިލް އެޖެންސީއެއް ހިންގާ ޕަރްހާދް އަމްރާ ބުނި ގޮތުގައި ޝިލްޕާގެ ބައްޕަ ސުރެންދުރަ ޝެޓީ 2016 ގައި މަރުވުމުގެ ކުރިން އޭނާ ހިންގި ކުންފުނި ކޯގިފްޓްސް އިން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި އަމްރާގެ އަތުން 21 ލައްކަ ރުޕީސްގެ ލޯނެއް ނަގައިފަ އެވެ.

ނަމަވެސް އަނބުރާ ދައްކާ ގޮތަށް ތިން ފަހަރެއްގެ މަތިން ނެގި ލޯނު، އަނބުރާ ދައްކާފައި ނުވާ ކަމަށާއި ސުރެންދުރަ މަރުވި ފަހުން ވެސް އެ ފައިސާ ދައްކަން އާއިލާ އަށް ތަކުރާރުކޮށް އެންގި ނަމަވެސް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށް އާއިލާ އިން ބުނެފައިވާ ކަމަށް އަމްރާ ބުންޏެވެ.

މި މައްސަލާފައި އޭނާ ދައުވާކުރަނީ ޝިލްޕާ އާއި އޭނާގެ މަންމަ ސުނަންދާގެ އިތުރުން ކޮއްކޮ އަދި ކުރީގެ ބަތަލާ ޝަމީތާ ޝެޓީގެ މައްޗަށެވެ.

އަމްރާ ކޯޓަށް ހުށަހެޅި މައްސަލަގައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ 29 ވަނަ ދުވަހު މުމްބާއީގެ މެޓްރޮޕޮލިޝަން މެޖިސްޓްރީޓް ކޯޓްގައި ވަނީ ތާވަލުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން މިޑް-ޑޭ އަށް ޝިލްޕާ ބުނީ އޭނާގެ ބައްޕަގެ ވިޔަފާރީގައި އެއްވެސް ވަރެއްގެ ހިއްސާއެއް ނޯންނާނެ ކަމަށާއި އެހެންވެ ލޯނަކަށް ދައުވާ ކުރާ މައްސަލައިގެ އެއްވެސް ހަގީގަތެއް ނޭނގޭ ކަމަށް ބުންޏެވެ.

ފިރިމީހާ ރާޖް ކުންދުރާއާ އެކު ސްޕާ އާއި ސެލޫނާއި ރެސްޓޯރަންޓްގެ ވިޔަފާރި ކުރަމުން އަންނަ ޝިލްޕާ ބުނި ގޮތުގައި އަމްރާ ދަންނަނީ ވެސް ހަމައެކަނި އާއިލީ ކާރު މެކޭނިކްގެ ގޮތުގައި ކަމަށާއި އޭނާއާ ބައްޕައާ ދެމެދު ހިނގާފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގެ މައުލޫމާތު އާއިލާއަކަށް ނޭނގެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ކަލްކަތާގެ ކުންފުންޏަކުން ޝިލްޕާ އާއި ފިރިމީހާ ރާޖްގެ މައްޗަށް ވެސް ލޯނެއްގެ މައްސަލައެއްގައި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުކޮށްފައިވެ އެވެ. އެމްކޭ މީޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ޝިލްޕާގެ ދެމަފިރިންގެ ކުންފުނި އެސެންޝަލް ސްޕޯޓްސް އެންޑް މީޑިއާ ޕްރައިވެޓް ލިމިޓެޑަށް ތުހުމަތު ކުރީ ދެ އަހަރު ތެރޭގައި ދައްކާ ގޮތަށް ނެގި 9 ކްރޯޑް ރުޕީސް ނުދެއްކި މައްސަލައިގަ އެވެ.