26 ޖެނުއަރީ 2019 - 08:28

ހުކުރު ދުވަހު ސިނަމާތަކަށް އައި ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގައި ހިއްސާ ނުވެވުމުން މިހާރު މާޔޫސްވާ ކަމަށާއި އަބަދުވެސް އެކަމާ ދެރަވާނެ ކަމަށް އެކްޓަރު ސޯނޫ ސޫދު ބުނެފި އެވެ.
އެ ފިލްމުގައި ސަދާޝިވްރާއޯ ބާއޮ ކިޔާ މަރަޓާ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރެއްގެ ރޯލް ކުޅެން ލިބި، އެ ރޯލްގެ ބޮޑު ބައެއް ޝޫޓް ވެސް ކޮށްފައި ވަނިކޮށް، ފިލްމުން ސޯނޫ ވަކިވީ، އޭގެ ޑައިރެކްޝަނާ ކުއްލި ގޮތަކަށް ބަތަލާ ކަންގަނާ ރަނާވަތު ހަވާލުވުމުންނެވެ.
އެކަމަކު ކުރިން އަޑު އެރި ގޮތުގައި ސޯނޫ ފިލްމުން ވަކިވީ އޭރު އޭނާ ކުޅެމުން ދިޔަ "ސިމްބާ" އަށް ތުނބުޅި ބަހައްޓާފައިވާތީ، "މަނިކަރްނިކާ" ރޯލަށް އަލުން ތުނބުޅި ބާލަން ޖެހުމުން އުފެދުނު ހިތްހަމަނުޖެހުންތަކާ ހެދި އެވެ.
ކަންގަނާ އެ ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެ، ފިލްމުގެ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ނިންމީ، ޑައިރެކްޓަރު ކްރިޝް އެހެން ފިލްމެއްގެ މަސައްކަތަށް ވަގުތު ދޭން ޖެހި "މަނިކަރްނިކާ" ދޫކޮށްލަން މަޖުބޫރުވުމުންނެވެ.
މި ބަދަލާ ގުޅިގެން ސޯނޫގެ ގިނަ މަންޒަރުތަކެއް ވެސް އަލުން ޝޫޓް ކުރަން ޖެހި ހިތްހަމަނުޖެހިގެން ފިލްމުން ވަކިވެ، އޭނާ ވަނީ ކަންގަނާ އަށް ބަހުގެ ހަމަލާތަކެއް ވެސް ފޮނުވައިފަ އެވެ. އަދި އޭނާ ވަނީ "މަނިކަރްނިކާ" ކަހަލަ ތާރީހީ ބޮޑު ފިލްމެއްގެ ޑައިރެކްޝަނާ ހަވާލުވާން ކަންގަނާގެ ގާބިލުކަން ހުރިތޯ ދޭތެރޭ ސުވާލު ވެސް އުފައްދައިފަ އެވެ.
ސޯނޫ ދޫކޮށްލި ރޯލް ފިލްމުގައި ކުޅެފައި ވަނީ ޒީޝާން އައްޔޫބެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މަނިކަރްނިކާ" ދޫކޮށްލެވުމުން މިހާރު މާޔޫސްވެފައި ހުރި ސޯނޫ ބުނީ އެ ތަޖުރިބާ މަތިން އަބަދު ވެސް ހަނދާން އާވާނެ ކަމަށެވެ.
"އެކަމަކު އަހަރެން ބުނާނީ ތަގުދީރުގައި އެ ފިލްމުގައި އަހަރެން ހިއްސާވާން ނެތީމަ އެކަން އެގޮތަށް ދިމާވީއޭ. ޔަގީނުން ވެސް އެ ފިލްމު ދޫކޮށްލެވުމަކީ އަހަރެން އަބަދުވެސް ދެރަވާނެ ކަމެއް،" މިދިޔަ މަހު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ސިމްބާ،" ގައި ނުބައިބައި ރޯލެއް ކުޅުނު އެކްޓަރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި "މަނިކަރްނިކާ" އަށް ބޮޑު ކާމިޔާބިއަކަށް އެދެ އެވެ. އަދި އެ ފިލްމުގެ މުޅި ޓީމުން ވެސް ކުރި ބުރަ މަސައްކަތުގެ އަގު ބެލުންތެރިން ވެސް ވަޒަން ކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
ސޯނޫ ބުނީ ކުރިއަށް އޮތް ތަނުގައި ކަންގަނާއާ އެކު މަސައްކަތް ކުރުމާ ދޭތެރޭ މި ވަގުތު އެއްޗެއް ބުނާކަށް ނޭނގެ އެވެ.
"އަހަންނާއި ކަންގަނާއާ ދޭތެރޭ ނެތް އެއްވެސް މައްސަލައެއް. އަހަރެން ދެކެނީ އެއީ ގާތް ރައްޓެއްސެއްގެ ގޮތުގައި. އެކަމަކު ކުރިއަށް އޮތް ތަނުގައި ދެ މީހުން އެކީގައި މަސައްކަތްކޮށްފާނެތޯ ނޫންތޯ ބުނާކަށް ނޭނގޭ،" ސޯނޫ ބުންޏެވެ. "ދެ މީހުންނަށް ވެސް ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ލިބިއްޖެ ނަމަ އަހަންނަށް ހީވަނީ އެ ފުރުސަތު އޮންނާނެހެން އެކުގައި މަސައްކަތް ކުރަން. އެކަހަލަ ދުވަހަކަށް އިންތިޒާރު ވެސް ކުރާނަން."