ސަލާ އާއި ޕައިލެޓް ފެންނާނެ ކަމުގެ އުއްމީދު ކުޑަ
ސަލާ އާއި ޕައިލެޓް ފެންނާނެ ކަމުގެ އުއްމީދު ކުޑަ

ނޯންޓްސް، ފްރާންސް (ޖެނުއަރީ 24) - ޕްރިމިއާ ލީގުގެ ކާޑިފް ސިޓީ އަށް ދާދި ފަހުން ސޮއިކުރި އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ، އެ ކްލަބާ ގުޅެން ވޭލްސްގެ ކާޑިފަށް ދަތުރުކުރި ޕްރައިވެޓް ޖެޓް (ޕައިޕާ މަލިބޫ) ގެއްލިފައިވާއިރު، އޭނާ އާއި އެ ބޯޓު ދުއްވަން އިން ޕައިލެޓް ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދު މިހާރު ކުޑަވެފައިވާ ކަމަށް ގޯންސީ ޕޮލިހުން ބުނެފި އެވެ.

ސަލާ އާއި ޕައިލެޓް ފެންނާނެ ކަމުގެ އުއްމީދު ކުޑަ
ސަލާ އާއި ޕައިލެޓް ފެންނާނެ ކަމުގެ އުއްމީދު ކުޑަ

ހޯމަ ދުވަހުގެރޭ ސަލާ ދަތުރުކުރަމުން ދިޔަ ޖެޓް ގެއްލުނީ ގޯންސީ ޗެނަލް އައިލެންޑުގެ ލައިޓް ހައުސް ކައިރިންނެވެ. ޖާޒީގެ އެއާޓްރެފިކް ކޮންޓްރޯލް އަށް ރިޕޯޓްކުރިއިރު އެ ޖެޓް ދިޔައީ 5000 ފޫޓު މަތިން ދަތުރުކުރަމުންނެވެ. އެކަމަކު އެ ބޯޓުގެ ސިގްނަލް ގެއްލުނީ 2300 ފޫޓު މަތީގައި ދަތުރުކުރަނިކޮށެވެ. އެ ތަނަކީ މީގެ ކުރިން ވެސް އެކި ހާދިސާތައް ހިނގާފައިވާ ސަރަހައްދެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބޯޓުމަތީ ހުރެ ސަލާ ވަޓްސަޕް މެދުވެރިކޮށް ފޮނުވި ފަހު މެސެޖްތަކުން ވެސް އެނގޭ ގޮތުގައި، ބޯޓު "ތޫފާނެއްގައި" ޖެހުމުން އޭނާ ވެސް ހުރީ ސަލާމަތްވާނެ ކަމުގެ އުއްމީދު ކުޑަކަމަށް ދެކިގެންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ނޯންޓްސް އެއާޕޯޓުން އެ ބޯޓަށް ނައްޓާލެވުނީ ވެސް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ.

އެ ބޯޓު ހޯދުމުގެ މަސައްކަތް މިދިޔަ ދެ ދުވަހު ކުރިއިރު ރޭގަނޑަށް ކޮންމެ ފަހަރަކު ވަނީ މެދުކަނޑާލައިފަ އެވެ. ހަތް ގަޑިއިރު ވަންދެން ހޯދުމުގެ މަސައްކަތް ކުރުމަށް ފަހު ރޭ ހުއްޓާލިއިރު، އެ ބޯޓަށް ވެދާނެ ކަމަށް ބެލެވޭ ހަތަރު ގޮތެއް ގޯންސީ ފުލުހުން ވަނީ މީޑިއާ އަށް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ބަލަނީ ބޯޓު ކަނޑަށް ވެއްޓި ބައިބައިވި ކަމަށް ނޫނީ، ބޯޓު ކަނޑަށް ވެއްޓި ސަލާ އާއި ޕައިލެޓް ލައިފްރެފްޓް ބޭނުންކޮށްގެން ސަލާމަތް ހޯދީ ކަމަށެވެ.

އެކަމަކު އެ ހާދިސާ ހިނގިތާ މިހާރު 56 ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާތީ ޗެނަލް އައިލެންޑްގެ އެއާ ސާޗް ޗީފް އޮފިސަރު ޖޯން ފިޓްޒްގެރާލްޑް ވަނީ އެއްވެސް މީހަކު ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"މި ސަރަހައްދުގެ މޫސުން ހުންނަ ގޮތުން އެންމެ ފިޓްކޮށް ހުންނަ މީހަކަށް ވެސް ކަނޑުގައި ސަލާމަތުން އޮވެވޭނީ ވަރަށް މަދު ގަޑިއިރެއް ވަންދެން. މިހާރު މި އޮތީ 56 ގަޑިއިރަށް ވުރެން އިތުރަށްވެފައި. އަހަރެންގެ ތަޖުރިބާގެ އަލީގައި އެއްޗެއް ބުނާނަމަ ބުނެވޭނީ އެ ދެ މީހުން ސަލާމަތުން ފެނުމުގެ ފުރުސަތު ކުޑަކަމަށް،" ފިޓްޒްގެރާލްޑް ވިދާޅުވި އެވެ.

ސަލާ އާއި އެ ބޯޓު ދުއްވަން އިން ޕައިލެޓް ހޯދަން ސެޓެލައިޓް މެދުވެރިކޮށް މޮބައިލް ފޯނުގެ ސިގްނަލްތައް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރެވެމުންނެވެ. މި ހުރިހާ މަސައްކަތެއް ކުރެވެމުންދާއިރު، ފްރާންސާއި އިންގްލެންޑް އަދި ޗެނަލް އައިލެންޑުން އެ ބޯޓު ވެއްޓުނު ސަރަހައްދު އިތުރަށް ހޯދުމުގެ މަސައްކަތް މިއަދު ވެސް ފަށާނީ މޫސުމަށް ބެލުމަށް ފަހު ކަމަށް ވަނީ ބުނެފަ އެވެ.

ކާޑިފުން އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އެކަމަކު އެ ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޕައުންޑަށް ސޮއިކުރި މި ފަދަ ގޮތަކަށް ގެއްލުމުން އެ ކްލަބުގެ ސަޕޯޓަރުންނާއި ވެރިންނަށް ވަނީ ޝޮކެއް ލިބިފައި ކަމަށް އެ ޓީމުގެ ކާޑިފްގެ ޗެއާމަން މެހެމެތު ދަލްމަން ވަނީ ވިދާޅުވެފަ އެވެ.

ސަލާގެ އާއިލާއިން ބުނާގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަކީ ސަލާ ކުޑައިރުއްސުރެން ދެކެމުން އައި ހުވަފެނެއް ކަަމަށާއި ކާޑިފަށް ސޮއިކުރުމަށް ފަހު އެ ހުވަފެން ހަގީގަތަކަށް ހެދޭތީ ސަލާ ހުރީ ވަރަށް އުފަލުން ކަމަށެވެ. އެކަމަކު ދިމާވި ހިތްދަތި ހާދިސާގެ ސަބަބުން އާއިލާގެ މެމްބަރުންނަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަމަށް ވެސް ބުންޏެވެ.

ކާޑިފުން ވަނީ މި މަހު 29 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ފަސްކުރަން އެދުމުގެ ހިޔާލެއް އަދި ނެތް ކަމަށާއި އެއީ އޭގެ ކުރިން ސަލާގެ ކަންތައްތަކުގައި އަލިމަގެއް ފެންނާނެ ކަމުގެ އުއްމީދު އޮތުމުން ކަމަށް ބުނެފަ އެވެ.