ލޮރެންޒޯ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
ލޮރެންޒޯ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި

ޕްރިލިމިނަރީ ބުރުގައި ބާކީ އެއް މެޗު ނުކުޅެ އޮއްވައި ލޮރެންޒޯ ސްޕޯޓްސް ކްލަބުން ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ލޮރެންޒޯ ދެ ވަނަ ބުރުން ޖާގަ ހޯދީ އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުގައި ކްލަބް ވޮލީބޯލް ބަލިކުރުމަށް ފަހު އެވެ. ޕްރިލިމިނަރީ ބުރުގެ ގަދަ ދެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ލިބޭއިރު، ލޮރެންޒޯ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދި އަލްމާ ސްޕޯޓްސް ކްލަބް އެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދި ކްލަބް ވޮލީބޯލް އެވެ.

މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ލޮރެންޒޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އިއްޔެގެ މެޗުގައި ކްލަބް ވޮލީބޯލްގެ މައްޗަށް ލޮރެންޒޯ އިން ކުރި ހޯދިއިރު އެ ޓީމުގެ ސެޓުތައް ގެންދިޔައީ 25-08، 25-11 އަދި 25-06 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޮރެންޒޯގެ މަރިޔަމް އަޒީފާ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް 3-2 ސެޓުން ކުރިހޯދައި ޒެނިތު ސްޕޯޓްސް ކްލަބް ވަނީ މޮޅަކާ އެކު މުބާރާތް ނިންމާލައިފަ އެވެ. މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 25-21 އިން ޒެނިތު އެވެ. ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު 25-27، 25-15 އިން ގެންގޮސް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން މެޗުން މޮޅުވުމުގެ އުއްމީދު ބޮޑުކޮށްފައިވަނިކޮށް، މަންޒަރު ބަދަލުވެގެންދިޔައީ ފަހު ދެ ސެޓުގައި ޒެނިތުން ދެއްކި ހިތްވަރުންނެވެ. ފަހު ދެ ސެޓު 25-23 އަދި 15-09 އިން ގެންގޮސް ޒެނިތު ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.

މި މޮޅާ އެކު ވެސް ހަތަރު ވަނައިގައި އޮތް ޒެނިތަށް ލިބެނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނަށް ތިން މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެ ޓީމަށް އަދި މޮޅެއް ނުލިބެ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަތައް އެއްކޮށް ޔަގީންވާނީ މިއަދު ކުޅޭ ޕްރިލިމިނަރީ ބުރުގެ ފަހު މެޗުތަކަށް ފަހު އެވެ. މިއަދު ހަވީރު ކުޅޭނީ ދެ ވަނަ ބުރުގެ އެއް ޖާގަ ޔަގީންކޮށްފައިވާ ލޮރެންޒޯ އާއި މުބާރާތުން ކަަޓާފައިވާ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނެވެ. މިރޭ ކުޅޭ މެޗުގައި އަލްމާ ނުކުންނާނީ ކްލަބް ވޮލީބޯލްއާ ދެކޮޅަށެވެ. ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭ ޓީމެއް އެނގޭނީ މިރޭގެ މެޗުންނެވެ.

ދެ ވަނަ ބުރުގައި ވާދަކުރާނީ އަލްމާ އާއި ކްލަބް ވޮލީބޯލް ތެރެއިން މޮޅުވާ ޓީމަކާއި ލޮރެންޒޯގެ އިތުރުން ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ އެވެ.