26 ޖެނުއަރީ 2019 - 08:24

ސްކޮޓްލެންޑު ހޮސްޕިޓަލެއްގައި މަރުވި ކުޑަކުއްޖެއްގެ، މަރުގެ ސަބަބުތަކުގެ ތެރޭގައި ކޮތަރު ނަޖިހުން ޖެހޭ އިންފެކްޝަނެއް ހިމެނެ އެވެ. އެކަން ވަނީ ޓެސްޓުތަކުން ކަށަވަރުވެފަ އެވެ.
އެ ކުއްޖާ އަށް އިންފެކްޝަން ޖެހުނީ ކްއީން އެލިޒަބަތު ޔުނިވަސިޓީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވަ އެވެ. މި އިންފެކްޝަނަކީ "ކްރިޕްޓޮކޯކަސް" ކިޔާ ފަންގަސްއެކެވެ.
ކްރިޕްޓޮކޯކަސް އަކީ، އަހަރެމެންގެ މި މާހައުލުގައި އާލާވާ، ޔީސްޓް ކަހަލަ ފަންގަސްއެކެވެ. ކޮތަރު ނަޖިސް ހުންނަ ވެލިން މި ފަންގަސް ފެނެ އެވެ.
ހަށިގަނޑަށް މި ވަންނަނީ ނޭވާގެ ޒަރިއްޔާއިންނެވެ.
އިންފެކްޝަން ޖެހިގެން ޑިސެމްބަރު މަހު ސްކޮޓްލެންޑުގައި މަރުވި ކުއްޖާ އަކީ މި ފަންގަސްގެ އަސަރުކުރާ ގޮތަށް ގެންގުޅެވިފައިވާ ކުއްޖެކެވެ. ތަޖުރިބާކާރުން ބުނީ ކުއްޖާ އަށް ފަންގަސް ވާސިލްވީ ހޮސްޕިޓަލުގެ ފުރާޅަށް ޖައްސާ ކޮތަރުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. ހޮސްޕިޓަލުގެ ފާރުގައި އިން، ލޮލަށް ނުފެންނަ ވަރުގެ ކުޑަ ގާޖައަކުން، ކުއްޖާ އޮތް ކޮޓަރިއަށް ކޮތަރު ނަޖިހުގެ އަސަރު ކޮށްފައި ހުރިކަން ސްކޮޓްލެންޑުގެ ހެލްތު ސެކްރެޓަރީ ޖޯން ފްރީމަން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އެއާ އެކު ހޮސްޕިޓަލުން ވަނީ އިންފެކްޝަން ކޮންޓްރޯލް ކުުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފަ އެވެ.
މި ފަންގަސް ޖެހޭ ގިނަ މީހުން މީގެ ސަބަބުން ބައްޔެއް ނުވެ އެވެ. އެކަމަކު ސިއްހީ އެކި ސަބަބުތަކާ ހެދި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހަކަށް ޖެހިއްޖެ ނަމަ، މޭގައި އިންފެކްޝަން އުފެދި ނުވަތަ މެނިންޖައިޓިސް ޖެހި އެ މީހަކު ވަރަށް ބޮޑަށް ބަލިވެ އެވެ.
ޕްރޮފެސަރު ހިއު ޕެނިންގްޓަން ވިދާޅުވީ މީގެ ކޭސްތައް އިނގިރޭސި ވިލާތުން ފެނުން ވަރަށް ނާދިރު ކަމަށެވެ.
"މިއީ ދުނިޔޭގެ އެހެން ހިސާބުތަކުގައި، ހާއްސަކޮށް، ހޫނު ހިސާބުތަކާއި އެކި ފާޑުގެ ފަންގަސްތަކުގެ ނުރައްކާ ބޮޑަށް އޮންނަ، އެމެރިކާ ފަދަ ގައުމުތަކުން ފެންނަ ކަމެއް. އިނގިރޭސި ވިލާތުގައި މިއީ ވަރަށް މަދު މައްސަލައެއް،"
"ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުންނަށް މި މައްސަަލަ ދިމާވެގެން ފަރުވާ ހޯދާ. އެއީ މީގެ ނުރައްކާ އެންމެ ބޮޑަށް އޮންނަ ބަޔަކީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު މިއީ ގައިންގަޔަށް އަރާ އިންފެކްޝަނެއް ނޫނެވެ.
ދޫނީގެ ނަޖިހުގެ އަސަރު ހުންނަ ހިރަފުހާއި ފެން، ނޭވާގެ ޒަރިއްޔާއިން ހަށިގަނޑު ތެރެއަށް ދިއުމުން، ފްލޫ ކަހަލަ ބައްޔެއް ކަމަށްވާ "ސިޓަކޯސިސް" އާއި އެހެން އެތައް ބައިވަރު ބަލިތަކެއް ޖެހެ އެވެ. ބޭރަށް ހިންގުން ޖައްސާ ސަލްމޮނެއްލާ ބެކްޓީރިއާ ވެސް ބައެއް ދޫނީގެ ނަޖިހުގައި ހުރެ އެވެ.
ނަޖިސް ހުރި ތަނެއް ސާފުކުރާ ނަމަ ނުވަތަ ނަޖިހުގައި ޖެހިއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭނެ އެވެ. ހަށިގަނޑުގައި އެ ޖެހުނު ތަނެއް ރަނގަޅަށް ސާފުކުރަން ޖެހޭނެ އެވެ. އަދި އަނގަޔާއި ނޭފަތާ ހިސާބަށް އަތް ގެންދިއުމުގެ ކުރިން އަދި ކެއުމުގެ ކުރިން ރަނގަޅަށް އަތް ދޮވެ ސާފުކުރަންޖެހޭނެ އެވެ.
ދޫނީގައި އަތްލުމަށް ފަހު ނުވަތަ ދޫންޏަށް އަތުން ކާންދިނުމަށް ފަހު ވެސް ރަނގަޅަށް އަތް ދޮންނަންޖެހޭނެ އެވެ.
ދިފާއީ ނިޒާމު ބަލިކަށި މީހެއް ނަމަ އަދި އެޗްއައިވީ/އެއިޑްސް ނުވަތަ ކެންސަރު ހުންނަ މީހެއް ނަމަ ނުރައްކާ ބޮޑުވާނެ އެވެ.
* މިއީ ބީބީސީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ ތަރުޖަމާ އެވެ.