24 ޖެނުއަރީ 2019 - 08:38

ފުޓްބޯޅަ ކްލަބްތަކަށް މި އަހަރު ސަރުކާރުން ފައިސާދޭން އެފްއޭއެމުން އެދުނު އެދުން ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށާއި އެ ފައިސާ އަންނަ އަހަރުން ފެށިގެން ދޭނީ ސީދާ އެފްއޭއެމުން ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
ސަރުކާރުގެ އިސްނެގުމާ އެކު 2017 ވަނަ އަހަރު ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދެ އެވެ. އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ދެ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެސްއޯއީގެ ކުރީގެ އެއްބަސްވުންތައް ވަނީ ހަމަވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ ކްލަބްތަކަށް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މި ފައިސާ ވީ އެންމެ އަވަހަކަށް ލިބެގެންދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެންދިޔަ ކަމަށެވެ.
"ޓީމުތަކަށް ދިމާވެފައިވާ މާލީ ހާލަތު ހަރުދަނާކޮށް އަދި ދެ ޖިންސުގެ ޒުވާން ކުޅުންތެރިންތަކެއް ބިނާކުރުމަށާއި ކްލަބްތަކުގެ އިދާރީ ހިންގުމާއި ފަންނީ ހިންގުން ތަރައްގީކޮށް ހަރުދަނާ ކުރުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން ކްލަބްތަކަށް ދެމުންދާ މާލީ އެހީތެރިކަން ފޯރުކޮށްދޭނީ އިތުރު ފަރާތެއްގެ މެދުވެރިވުމެއްނެތި، ސީދާ އެފްއޭއެމްގެ ފަރާތުންނެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
މިދިޔަ ދެ އަހަރު ކްލަބްތަކަށް ފައިސާ ދިން އުސޫލާއި މި ފަހަރު ދޭ އުސޫލަށް ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ. އެއީ މިދިޔަ ދެ އަހަރު ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ބޭއްވި މާލޭ ލީގު މި އަހަރު ނުބާއްވާތީ އެވެ. މި ފަހަރުގެ ރަސްމީ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު އެވެ. އެކަމަކު 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް އަންނަ މަހު އޮންނާނެ އެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދިވެހި ފުޓްބޯޅަ އަށް އުއްމީދީ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.
"ފުޓްބޯޅައިން ދިވެހި ރާއްޖެ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެފްއޭއެމުން ކުރައްވާ މަސައްކަތުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށާއި އެފްއޭއެމުން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ކުރައްވާ މަސައްކަތްތައް ވަރަށް އުފަލާ އެކު ބަލައިގަންނަ ކަމަށް އެ މަނިކުފާނު (ރައީސް) ވިދާޅުވި އެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
އެފްއޭއެމް އާއި ސަރުކާރުގެ ގުޅުން މި ބަދަހިވީ މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖެ އަށް ފުރުސަތު ގެއްލުނު މައްސަލަ ބެލުމަށް ކުޅިވަރާ ބެހޭ އަހުމަދު މަހުލޫފް ކޮމިޓީއެއް އެކުލަވާލި ހިސާބުން ފެށިގެން އެފްއޭއެމާއި މިނިސްޓަރާ ދެމެދު ޒާތެއްގެ "ފިނި ހަނގުރާމަ"އެއް ފެށި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް އުފެދިފައިވަނިކޮށެވެ.
އެ މައްސަލަ މިނިސްޓްރީން ބަލަން ފެށުމާ އެކު އެފްއޭއެމުން އެކަމުގައި އޭއެފްސީގެ ލަފައެއް ހޯދި އެވެ. އޭއެފްސީން ބުނީ އެފްއޭއެމްގެ ތެރެއަށް ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ވަދެގެން ނުވާނެ ކަމަށެވެ.
މައްސަލަ އިތުރަށް ގޯސްވީ މިނިސްޓްރީން އުފެއްދި ކޮމިޓީން ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތް ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވުމުންނެވެ. އެކަމާ ހިތްހަމަ ނުޖެހި އެފްއޭއެމުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.
މި ކަންތައްތަކަށް ހައްލެއް ހޯދަން މަހުލޫފު ވަނީ އޭއެފްސީގެ ރައީސް ސަލްމާންގެ ދައުވަތަކަށް ލަންޑަނަށް ވަޑައިގެން އޭނާއާ ބައްދަލުކުރައްވައިފަ އެވެ. އެ ފަހަރު މަހުލޫފު ވަނީ މިނިސްޓްރީން އުފެއްދި ކޮމިޓީން އިމުގެ ތެރޭގައި މަސައްކަތްކުރާ ކަމުގެ ޔަގީންކަން އޭއެފްސީގެ ރައީސް ސަލްމާނަށް ދެއްވައިފަ އެވެ.
މިހާރު ކުރިއަށްދާ އޭޝިއަން ކަޕުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ޔޫއޭއީ އަށް ވަޑައިގެންނެވި ދަތުރުގައި ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކަށް އިހުތިރާމްކުރައްވާނެ ކަމުގެ ޔަގީންކަން ފީފާގެ ރައީސް އިންފަންޓީނޯ އަށް މިނިސްޓަރު މަހުލޫފު ދެއްވި އެވެ. އޭގެ ފަހުން މިނިސްޓްރީ އާއި އެފްއޭއެމްގެ މެދުގައި އުފެދުނު ކޯޅުންގަނޑު ވަނީ މައިތިރިވެފަ އެވެ.