ޕޮގްބާ ތަފާތު ދައްކާނެ: ގްރިޒްމަން
ޕޮގްބާ ތަފާތު ދައްކާނެ: ގްރިޒްމަން

މެޑްރިޑް (އޮގަސްޓް 23) - ބޮޑު އަގުގައި ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑާ ގުޅުނަސް ކަންބޮޑުވާނެ ކަމެއް ނެތް ކަމަށާއި އޭނާ އަގާ އެއްވަރުވެ ކުޅުމެއް ދައްކާނެ ކަމަށް ޕޮގްބާއާ އެކު ފްރާންސް ގައުމީ ޓީމަށް ކުޅޭ އެންޓޮއިން ގްރިޒްމަން ބުނެފި އެވެ.

ޔުވެންޓަސް އިން 105 މިލިއަން ޔޫރޯ ޔުނައިޓެޑަށް ބަދަލުވި ކުޅުންތެރިޔާއަށް އަގާ އެއްވަރުގެ ކުޅުމެއް ދެއްކިދާނެތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

"އިނގިރޭސި ސަޕޯޓަރުން ހިތާމަކުރާކަށް ނުޖެހޭނެ. އެ މީހުންނަށް އުއްމީދުކުރެވިދާނެ ޕޮގްބާގެ ފަރާތުން އާދާޔާހިލާފު ހުނަރު. އޭނާ އަކީ ބުރަކޮށް މަސައްކަތްކުރާ އަދި ހުނަރުހުރި ކުޅުންތެރިއެއް،" ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ގްރިޒްމަން ބުންޏެވެ.

އޭނާ ބުނީ ޕޮގްބާ އަކީ އިނގިރޭސި ލީގު ދެކެ ލޯބިވާ ކުޅުންތެރިއެއް ކަމަށާއި ހޯސޭ މޮރީނިއޯއާ އެކު، ޔުނައިޓެޑުން ތަފާތު ދައްކަމުން އަންނާތީ އެ ކްލަބަކީ ޕޮގްބާ އަށް އެންމެ ފުރިހަމަ ކްލަބް ކަމަށެވެ.

ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ އެ ކްލަބުގެ ސީނިއާ ޓީމުން ފުރުސަތު ލިބުނު ނަމަވެސް، ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ އޭނާ އެ ކްލަބް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. ޔުވެންޓަސްގައި އޭނާ ވަނީ ކުޅުން ތަރައްގީކޮށް، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.