ދީނީ ނުތަނަވަސްކަން ހައްލުކުރަން ކައުންޓަ ޓެރަރިޒަމްގެ އެހީ ހޯދަނީ
ދީނީ ނުތަނަވަސްކަން ހައްލުކުރަން ކައުންޓަ ޓެރަރިޒަމްގެ އެހީ ހޯދަނީ

ރާއްޖޭގައި މިހާރު އުފެދިގެން އުޅޭ ދީނީ ނުތަނަވަސްކަމުގެ މައްސަލަ ހައްލުކުރަން ނެޝަނަލް ސެންޓަ ފޯ ކައުންޓަ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އެހީތެރިކަން ހޯދުމަށް ކަމާ ބެހޭ ކޮމިޓީން ނިންމައިިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދެ މުއައްސަސާގެ އެހީ ހޯދަން ނިންމީ މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް އެކުލަވާލި ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ކަމަށެވެ.

ގާނޫނުއަސާސީ އާއި ވެރިކަން ކުރާ ކޯލިޝަންގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތަށް މާތްވެގެންވާ އިސްލާމްދީނާއި ދީނުގެ ވަހުދަތަށް ބުރޫއަރާ ފަދަ ކަމަކަށް އަދި އަނިޔާވެރިކަމާއި ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދޭން ވެސް ކޮމިޓީގެ ބައްދަލުވުމުގައި ނިންމި އެވެ.

އިސްލާމްދީނަށް އިހާނެތިކަން ރައްދުވާ ގޮތަށް ދައްކަމުންދާ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލު ހޯދަން ވަޒީރުންގެ މަޖިލިހުގެ ލަފާގެ މަތިން ރައީސް އުފެއްދެވި ކޮމިޓީގައި ތިއްބަވަނީ ހަތް ބޭފުޅެކެވެ.

ނައިބު ރައީސް ފައިސަލް ނަސީމް.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު.

ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފް.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު.

ރައީސް އޮފީހުން ބުނީ މި ކޮމިޓީގެ މަސައްކަތަކީ ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކޮށްގެން، އިސްލާމްދީނުގެ ގަދަރާއި ހައިބަތަށް އުނިކަން އަންނަ ގޮތަށް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި ފުރާނަ އަށް ގެއްލުން ލިބޭ ގޮތަށް ދައްކަމުންދާ ވާހަކަތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތައް އަދި ފަހުން މި ފަދަ ކަންްކަމަށް ހައްލު ހޯދުމުގައި އަޅާނެ ފިޔަވަޅުތަކާ މެދު ގޮތްތައް ނިންމުމަކީ ވެސް އެ ކޮމިޓީގެ ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.