އަންހެނުންގެ ބައިވެރިވުން އިތުރުވުމުން މުޖުތަމައުގައި މައްސަލަތައް މަދުވާނެ: އިމްރާން
އަންހެނުންގެ ބައިވެރިވުން އިތުރުވުމުން މުޖުތަމައުގައި މައްސަލަތައް މަދުވާނެ: އިމްރާން

ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ މިހާރަށް ވުރެ މައްސަލަތައް މަދު މުޖުތަމައެއް ހާސިލުވާނެ ކަމެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވުމަށް ފުރުސަތު ލިބޭ ގޮތަށް ގާނޫނު އިސްލާހުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުވެގެން ދާއިރު ކައުންސިލްތަކުގައި އަންހެނުން ތަމްސީލްކުރާ މިންވަރު އިތުރުވެގެންދާނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއް،" އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކުގައި އަނިޔާގެ ޝިކާރައަކަށް ވެގެންދާ ގިނަ ބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

ލާމަރުކަޒީ ގާނުނު އިސްލާހުކޮށް، ކައުންސިލްތަކަށް މިހާރަށް ވުރެ ގިނަ ބާރުތައް ދޫކޮށްލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާނު އެންމެ ގިނައިން ތަކުރާރު ކުރެއްވި އެއް ވައުދަކީ ވެސް ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރެއްވުމުގެ ވައުދެވެ.

ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސަކީ އިމްރާނެވެ.