23 އޯގަސްޓް 2016 - 09:30

ލަންޑަން (އޮގަސްޓް 23) - އިނގިރޭސި ގައުމީ ޓީމުގެ ގޯލްކީޕަރު ޖޯ ހާޓަށް މެންޗެސްޓާ ސިޓީން އެކަށީގެންވާ ފުރުސަތު ނުލިބޭތީ ކަންބޮޑުވާ ކަމަށް އިނގިރޭސި ކޯޗު ސޭމް އެލަޑީސް ބުނެފި އެވެ.
ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން ރަސްމީ މެޗެއްގައި ހާޓަށް ފުރުސަތެއް ނުދެ އެވެ. އަދި ބޭނުން ނަމަ އެހެން ކްލަބަށް ބަދަލުވުމަށް އޭނާ އަށް ވަނީ ހުއްދަ ދީފަ އެވެ. ސިޓީން އާ ކީޕަރެއް ހޯދަން މަސައްކަތްކުރަމުން އަންނައިރު، ހާޓަށް ދެން ފުރުސަތެއް އޮތް ކަމަށް ނުބެލެވެ އެވެ.
"އެއީ ބޮޑު ކަންބޮޑުވުމެއް،" އެލަޑީސް ބުންޏެވެ.
އެކަމަކު އޭނާ ބުނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ކުޅޭ މެޗުތަކަށް ނަގާ އިންގްލެންޑުގެ ސްކޮޑުން ހާޓަށް ފުރުސަތު ދޭނެ ކަމަށެވެ.
އިންގްލެންޑް ގައުމީ ޓީމަށް 63 މެޗު ކުޅެދީފައިވާ ކީޕަރުގެ ފަރާތުން މި ފަހަރުގެ ޔޫރޯގައި ފެނިފައިވަނީ ދަށް ކުޅުމެކެވެ.
"އިނގިރޭސި ސްކޮޑުގައި ހިމެނޭ ވީހާ ވެސް ގިނަ ކުޅުންތެރިން، ކްލަބް ލެވެލްގައި ފުރަތަމަ އެގާރައިގައި ކުޅެން އަހަރެން ބޭނުންވޭ،" އެލަޑީސް ބުންޏެވެ.
ސިޓީ އަށް 2006 ވަނަ އަހަރު ކުޅެން ފެށި ފަހުން އުމުރުން 29 އަހަރުގެ ހާޓް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ތިން ކްލަަބަކަށް ކުޅެފަ އެވެ. ސިޓީގެ ފުރަތަމަ އެގާރައިން ހާޓް އަށް ގަވައިދުން ޖާގަ ލިބެން ފެށީ 2011 ވަނަ އަހަރުން ފެށިގެންނެވެ.
ހާޓް ހޯދުމަށް އިނގިރޭސި ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އެވަޓަން އާއި ލިވަޕޫލް އަދި ވެސްޓް ހޭމް ޔުނައިޓެޑް ހިމެނެ އެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ހާޓް ބޭނުންވަނީ އެހެން ލީގަކަށް ބަދަލުވުމަށެވެ.