25 ޖެނުއަރީ 2019 - 09:10

ފަތްޖަހައިލެވޭ ފޯނެއް ޗައިނާގެ ޝޯމީ ކުންފުނިން އުފައްދައިފި ކަމަށް ބުނެ މި މަހުގެ ކުރީކޮޅު މީޑިއާތަކުން ވަނީ އެ ފޯނުގެ ލީކްވެފައިވާ ވީޑިއޯއެއް ވެސް ދައްކާލައިފަ އެވެ. އެކަމަކު އެކަން ކަށަވަރު ނުވެ އޮއްވައި މިހާރު މި ވަނީ ރަސްމީކޮށް އެ ވާހަކަ ދައްކައިފަ އެވެ.
ޝޯމީގެ އެއް ބާނީ އަދި ރައީސް ބިން ލިން، ފަތްޖަހައިލެވޭ ފޯނާ ކުޅެން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ.
ޝޯމީގެ ޓްވިޓާގައި ވަނީ ފަތްޖަހައިލެވޭ ފޯނަށް ކިޔާ ނަމަކާ ބެހޭ ގޮތުން ވެސް ސުވާލުކޮށްފަ އެވެ.
ވީޑިއޯގައި ފެންނަނީ ބިން "ޓެބްލެޓަކާ" ކުޅެމުން ގޮސް، އޭގެ ދެ ފަރާތުން ފަހަތަށް ލަންބާލައި ހެޔޮވަރުގެ ފޯނަކަށް ބަދަލުކޮށްލާ ތަނެވެ.
ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ޝޯމީން ރެޑްމީ ނޯޓް 7 ދައްކައިލަން ތައްޔާރުވަމުން އަންނަ އިރު، ފަތްޖަހައިލެވޭ ފޯނު ވެސް ދައްކައިލާނެ އެވެ. އެކަމަކު މި އުފެއްދުމާ ބެހޭ ގޮތުން އެ ކުންފުނިން ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.
ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނިން ވެސް މާ ލަސްތަކެއް ނުވެ ފަތްޖަހައިލެވޭ ފޯނު ބާޒާރަށް ނެރެން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.