އިންތިޚާބުގެ ކުރިން ޕްރިޔަންކާ ގާނދީ ސިޔާސީ މައިދާނަށް
އިންތިޚާބުގެ ކުރިން ޕްރިޔަންކާ ގާނދީ ސިޔާސީ މައިދާނަށް

ނިއު ދިއްލީ (ޖެނުއަރީ 23) - ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީގެ ކޮއްކޮ ޕްރިޔަންކާ ގާނދީ ރަސްމީކޮށް ސިޔާސީ ހަރަކާތްތަކާ ގުޅިވަޑައިގެންފި އެވެ.

އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އުމުރުން 47 އަހަރުގެ ޕްރިޔަންކާ މިހާރު ވަނީ އިންތިޚާބުކޮށްފަ އެވެ. ސިޔާސީ ދާއިރާގައި ޕްރިޔަންކާ ހަރަކާތްތެރިވާން ފަށާފައި މި ވަނީ އިންޑިއާގައި އާއްމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ކުރީގެ އިންތިޚާބުތަކުގައި ޕްރިޔަންކާ ވަނީ ރާހުލް އާއި މަންމާފުޅު ސޯނިއާ ގާނދީ އަށް ކެމްޕޭން ކޮށްދެއްވައިފަ އެވެ. ނަމަވެސް ސިޔާސީ ދާއިރާގައި އަމަލީ ގޮތުން އުޅުއްވުމަށް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ސިޔާސީ ފަރާތްތަކުން ބުނެފައި ވަނީ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ޕްރިޔަންކާ ބައިވެރިވެވަޑައިގަތުމަކީ ކޮންގްރެސް ޕާޓީ އަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ.

އިންޑިއާގައި 2014 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައި ކޮންގްރެސްގެ މައްޗަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ވަނީ ކާމިޔާބު ހޯދައިފަ އެވެ. ނަމަވެސް ދާދި ފަހުން ބޭއްވި ސްޓޭޓް އިންތިޚާބުތަކުގައި ބީޖޭޕީގެ މައްޗަށް ކޮންގްރެސް ޕާޓީ ވަނީ ކުރި ހޯދައިފަ އެވެ.

ޕްރިޔަންކާގެ ބައްޕާފުޅު ރަޖީވް ގާނދީ އާއި މާމާފުޅު އިންދިރާ ގާނދީ ވަނީ އިންޑިއާގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ.