23 ޖެނުއަރީ 2019 - 14:38

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އޭ ލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ސާނަވީ އަށް ކިޔެވުމަށް 350 ޖާގަ ހާއްސަ ކޮށްފައިވާ ކަމަށެވެ. އެ ފުރުސަތުތަކަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވި އެވެ.
އޯ ލެވެލް އިމްތިހާނުގައި ފަސް މާއްދާ އިން ފާސްވެފައިވާ ދަރިވަރުންނަށް އަހުމަދިއްޔާގައި ސަރުކާރުން ހިލޭ ކިޔަވައިދޭނެ އެވެ. ނަމަވެސް އެއަށް ވުރެ ދަށުން ފާސްވި ދަރިވަރުންނަށް ވެސް، ވަކިވަކި މާއްދާތައް ކިޔަވަން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކިޔަވައިދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައި ވާނީ. މިސާލަކަށް، ތިން މާއްދާ އިން ނުވަތަ ދެ މާއްދާ އިން އޭލެވެލް ހަދަން ބޭނުންވާ ނަމަ، ދަރިވަރު އަމިއްލަ އަށް ފީ ފައްކައިގެން ކިޔެވޭނެ ފުރުސަތު މިހާރު އޮންނާނެ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް މި އަހަރު ކުރާނެ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލްގައި 2،900 ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ. އެތަނުން 300 ދަރިވަރުން އަންނަނީ އޭލެވެލްގައި ކިޔަވަމުންނެވެ.