23 ޖެނުއަރީ 2019 - 12:53

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މިނިސްޓަރުގެ ދަތުރުުފުޅުގައި އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވާނެ ކަމަށެވެ. ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާރިޔާ އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 30ގަ އެވެ.
އިންޑިއާގެ ނޫސްތަކުން މިއަދު ބުނީ މާރިޔާ އެގައުމަށް ކުރައްވާ ދަތުރުފުޅުގައި އިންޓަ ކޯސްޓަލް ސާވައިލެންސް ރާޑަ ސިސްޓަމް (ސީއެސްއާރް) އެއް ރާއްޖޭގައި ގާއިމުކުރުމަށް އަލުން މަޝްވަރާތައް ފަށަން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެކަމާ ބެހޭ މަޝްވަރާތައް ވެސް ކުރާނީ ދިފާއީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް ގެންދާ ޑިފެންސް ޑައިލޮގްގެ ބައެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ރާޑަރު ބެހެއްޓުން ވެސް ހިމެނޭ ގޮތުން ޑިފެންސް މަޝްވަރާތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އެ މަޝްވަރާތަކަކީ އޭރު ދެ ގައުމުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.
އިންޑިއާ ސަރުކާރާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ސީއެސްއާރް ގާއިމްކުރަން ސަރަހައްދުގެ އެހެން ބައެއް ގައުމުތަކާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން މިޔަންމާ، އިންޑޮނޝިއާ އަދި ބަންގްލަދޭޝްއާ އެކުގައި ވެސް އެ މަޝްވަރާތައް ވަނީ ފަށައިފަ އެވެ.
ރާއްޖޭގައި ގާއިމުކުރަން މަޝްވަރާކުރާ ރާޑާ ސިސްޓަމްގެ ކުރީގެ ވައްތަރެއް އަވަށްޓެރި ސްރީ ލަންކާ އާއި މޮރިޝަސް އާއި ސީޝެލްސްގައި ކުރިން ވަނީ ބަހައްޓައިފަ އެވެ.
އެނގިފައިވާ ގޮތުގައި އިންޑިއާއިން ދިވެހި ސަރުކާރާ މަޝްވަރާކުރަނީ ލ. އަތޮޅުގައި ރާޑާ ސިސްޓަމް ބަހައްޓާށެވެ.