23 އޯގަސްޓް 2016 - 00:03

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުން މިރޭ މާޒިޔާ އަތުން 1-0 އިން ބަލިވެ، ކްލަބް އީގަލްސް މި ސީޒަނުގައި ފުރަތަމަ ނާކާމިޔާބިއާ ކުރިމަތިލިއިރު، މާޒިޔާ އިން ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ބާކީ އެއް ބުރު އޮތްއިރު މާޒިޔާ އެއް ވަނައިގައި އޮތީ 31 ޕޮއިންޓާ އެކު އެވެ. އީގަލްސް ދެ ވަނައިގައި އޮތީ 27 ޕޮއިންޓް ހަމަކޮށްގެންނެވެ. ޓީސީ ސްޕޯޓްސް ކްލަބް އޮތީ 24 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ގަދަ ހަތަރެއްގައި ދެން އޮތީ، 19 ޕޮއިންޓާ އެކު ކްލަބް ވެލެންސިއާ އެވެ.
ލީގުގައި އީގަލްސް ފުރަތަމަ ފަހަރަށް ބަލިވިއިރު، އެ ޓީމު ކޮޅަށް މާޒިޔާގެ ލަނޑު ޖެހީ އީގަލްސް އިން ވިދާލި އަހުމަދު އިމާޒް (އާއްކޮ) އެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އާއްކޮ މި ލަނޑު ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) ތަނަވަސްކުރި ފުރުސަތެއްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ އަރިމަތިން ނެގި ހުރަހަކުންނެވެ.
މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި އީގަލްސް އިން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އެ ޓީމުގެ މެސެޑޯނިއާ ފޯވާޑް ރިސްޓޭ ނައުމޯފް އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
އޭގެ ފަހުން މާޒިޔާގެ ދަގަނޑޭ އާއި މުހައްމަދު އުމެއިރު ނުރައްކާތެރި ދެ ބޯޅަ ތަނަވަސްކުރި އެވެ. އޭރިއާ ރޮނގުމަތިން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައިރު، އީގަލްސްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އުމެއިރު ފޮނުވާލި ބޯޅަ އީގަލްސް ޑިފެންޑަރަކު ބްލޮކްކުރީ އެވެ.
ދެ ވަނަ ހާފު ފަށައިގެން، 50 ވަނަ މިނެޓުގައި ދަގަނޑޭ އުފެއްދި ހަމަލާއެއްގައި، އޭރިއާ ތެރެއިން އުމެއިރު ފޮނުވާލި ބާރު ބޯޅަ ގޯލާ އަމާޒުނުވެ ދިޔައިރު، އަސަދުﷲ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރަ މަތަކުރި އެވެ.
މެޗުގެ 75 ވަނަ މިނެޓުގައި މާޒިޔާ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ދަގަނޑޭގެ ހަމަލައެއް އީގަލްސްގެ ކީޕަރު މަތަކޮށް ކުޅުމުގެ ތެރެއަށް ދިޔަ ވަގުތު، އެ ބޯޅަ ހޯދައި އަސަދުﷲ ގޯލަށް ފޮނުވާލަން އުޅުނު ބޯޅަ ސަލާމަތްކުރީ އީގަލްސްގެ ޑިފެންޑަރެކެވެ. އޭގެ މިނެޓެއް ފަހުން، ދަގަނޑޭ ދިން ބޯޅައެއް އޭރިއާ ތެރެއިން އަސަދުﷲ އަށް ހުސްކޮށް ލިބުނު ނަމަވެސް އެ ބޯޅަ އީގަލްސް ޑިފެންޑަރަކު ވަނީ އަތުލައިފަ އެވެ.