24 ޖެނުއަރީ 2019 - 07:25

ދޭތެރެދުރުކުރުމަށް އަންހެނުން ކާ ބޭސް، މެދުކަނޑާނުލައި، މުޅި މަސް ދުވަހު ބޭނުންކުރިޔަސް މައްސަލައެއް ނެތް ކަމަށާއި އެއީ މައްސަރުކަންތަކުގެ ވޭނުން ސަލާމަތްވެ ހުރުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށް މީގެ ދުވަސްކޮޅެއް ކުރިން ބޭރުގެ ބައެއް ނޫސްތަކުގައި ލިޔެފައިވެ އެވެ. އެކަމަކު، ތަޖުރިބާރުން ބުނަނީ މިއީ އެ މީހުންގެ ވާހަކަ ނުބައިކޮށް މާނަކޮށްގެން ފަތުރާފައިވާ ވާހަކަތަކެއް ކަމަށެވެ.

ފެކަލްޓީ އޮފް ސެކްޝުއަލް އެންޑް ރިޕްރޮޑަކްޓިވް ހެލްތު ކެއާ (އެފްއެސްއާރްއެޗް) އިން ބުނީ އެގޮތަށް ކޮންމެ ދުވަހަކު ބޭސް ކެއުމަކީ ކޮންމެ މީހަކަށް ރަނގަޅު ކަމެއް ނޫން ކަމަށެވެ. ބައެއް މީހުންނަށް ލުއިތަކެއް ވިޔަސް މިކަމުގައި މައްސަލަތައް ދިމާވާނެ މީހުން އުޅޭނެ ކަމަށް އެތަނުން ބުންޏެވެ.

އެހެންވެ ތަޖުރިބާކާރުން ލަފާ ދެނީ ޑޮކްޓަރެއްގެ ލަފާ ނުހޯދާ މިކަހަލަ ކަމެއް ތަޖުރިބާ ނުކުރުމެވެ.
މިއީ އެކަމާ ބެހޭ ގޮތުން ބީބީސީގައި ލިޔެފައިވާ ރިޕޯޓެއްގެ ތަރުޖަމާ އެވެ.
"ޕިލް"ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބޭހަކީ ދަރިމައިވުން ހުއްޓުވާ ހޯމޯންސް އެކުލެވޭ އެއްޗެކެވެ. ނަތީޖާއަކީ އޯވަރީން ބިސް އުފެއްދުން ހުއްޓުމެވެ.
މި ބޭނުންކުރާ ނަމަ ބަލިވެ ނުއިންނާނެ ކަމުގެ 99 ޕަސެންޓް ޔަގީންކަން އޮވެ އެވެ. މި ބޭސް ބޭނުންކުރާ މީހުންގެ ތެރެއިން، އަހަރު ދުވަހުގެ މުއްދަތަކަށް ބަލާއިރު، ބަލިވެ އިންނަ މީހުންގެ ނިސްބަތް 100 އަކުން އެކަކަށް ވުރެ ވެސް މަދެވެ.
މި ބޭހުގެ އެކި ބްރޭންޑްތައް ހުރެ އެވެ. އެކަމަކު އެންމެ އާންމުކޮށް ބޭނުންކުރާ ބޭހުގެ ޕެކެއްގައި އިންނަނީ 21 ގުޅަ ބޭހެވެ. އެއީ ތިން ހަފުތާ ވަންދެން ދުވާލަކަށް ގުޅައެކެވެ. އެ މަހަކު ބޭނުންކުރަންޖެހޭ ބޭސް ހުސްވެ، ބޭސް ނުކައި ހުންނަ ހަފުތާގައި އާންމު ގޮތެއްގައި މައްސަރު ކަންތައް ޖެހޭނެ އެވެ.
ބައެއް އަންހެނުންނަށް އޮއެސްޓްރޮޖެން ހުންނަ، ދޭތެރެދުރުކުރާ ބޭހެއް ބޭނުމެއް ނުކުރެވެ އެވެ. އެ މީހުންނަށް ޖެހެނީ "ޕްރޮޖެސްޓެރޯން-އޮންލީ" ޕިލް ބޭނުންކުރާށެވެ. މިއަށް "މިނީ ޕިލް" އޭ ވެސް ކިޔަ އެވެ.
ޕިލް އެކަށީގެންވާ ގޮތުގައި މަސައްކަތްކޮށް ނަތީޖާއެއް ފެންނާނީ އެ ބޭނުންކުރަން ލަފާ ދީފައި އޮންނަ ގޮތަށް ބޭނުންކުރުމުންނެވެ.
އެ ދުވަހަކު ކާންޖެހޭ ބޭސް "މިސް" ވި ކަމަށް ބަލާނީ އެ ކާންޖެހޭ ވަގުތަަށް ވުރެ 24 ގަޑިއިރަށް ވުރެ ލަސްވެއްޖެ ނަމަ އެވެ.
ބޭސް ކާންޖެހޭ ދުވަސްތަކާއި ކާން ނުޖެހޭ ދުވަސްތައް ހަނދާންނެތުމުގެ މައްސަލަ ކުޑަކުރުމަށް ބައެއް ބްރޭންޑްތަކުން ބޭސް ކާޑުގައި 28 ގުޅަ ބޭސް ހިމަނަ އެވެ. އެއީ އަސްލު ބޭހުގެ 21 ގުޅަ އާއި ބޭހަކަށް ނުވާ "ފޭކް" ހަތް ގުޅަ އެވެ. އެއީ މަހުގެ ކޮންމެ ދުވަހަކު ވެސް ބޭސް ކަމުން ދިއުމަށެވެ.
އެފްއެސްއާރްއެޗް އިން ބުނީ މެދުކެނޑުމެއް ނެތި 21 ގުޅަ ކެއުމަށް ފަހު، ހަތް ދުވަހު ބޭސް ނުކައި ހުރުމުން ބައެއް އަންހެނުންނަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ. އެކަމަކު ތަޖުރިބާކާރުން ބުނީ ބޭސް ނުކައި ހަތް ދުވަސް ދޫކޮށްލިޔަސް ބައެއް މީހުންނަށް ސިއްހީ ގޮތުން އެއްވެސް ފައިދާއެއް ނުވާ ކަމަށެވެ. އަދި މެދުކެނޑުމެއް ނެތި އެ ހަތް ދުވަހާ އެކު ބޭސް ކެއުމުން ބައެއް މީހުންނަށް މައްސަރު ކަންތައް ނުޖެހި، އެ ވޭނުން ސަލާމަތްވާ ކަމަށެވެ.
އެފްއެސްއާރްއެޗް އިން ބުނީ މިއީ ކޮންމެ މީހަކަށް ފެންނާނެ ނަތީޖާއެއް ނޫން ކަމަށެވެ. އެކަމަކު މުޅި މަސް ދުވަހު ބޭސް ކެއުމުން، ހަނދާން ނެތިގެން ބޭސް ނުކެވި، ނޭނގި ހުއްޓާ ބަލިވެ އިނުމުން މަދުކުރެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެފްއެސްއާރްއެޗްގެ ޑޮކްޓަރު ބީބީސީ އަށް ވިދާޅުވީ ތިން ހަފުތާގައި ބޭސް ކެއުމަށް ފަހު އެއް ހަފުތާގެ ބްރޭކެއް ނެގުމަކީ ވަރަށް ގިނަ މީހުންގެ އާދައެއް ކަމަށެވެ. އެއީ ބޭސް ނުކައި ހުންނަ ހަފުތާގައި މައްސަރު ކަންތައް ޖެހުމުން، ބަނޑު ބޮޑުނުވެ ހުރި ކަމުގެ ޔަގީންކަން ވެސް ލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ބޭސް ކަމުންދާ މީހަކު މިގޮތަށް ނަގާ ބްރޭކް ތެރޭގައި މައްސަރުކަންތައް ތަޖުރިބާކުރަން ޖެހުމަކީ އެ މީހަކު ބަނޑު ބޮޑު ނުވާ ކަމުގެ ޔަގީންކަން ލިބުން ނޫން ކަމަށެވެ. އެކަމަކު އޭގެ މާނަ އަކީ ދޭތެރެދުރުކުރާ ބޭހުގެ ކެމިކަލްގެ އަސަރު ހަށިގަނޑުން ފިލުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޭސް ކެއުން ހަފުތާއަކަށް މެދުކަނޑާނުލައި ހުރުމުން މައްސަރު ކަންތައް ނުޖެހި ހުރުމަކީ ހަށިގަނޑުގައި މައްސަރު ލޭ "ފުނިޖެހޭނެ" ކަމެއް ނޫން ކަމަށެވެ.
ޕިލް ބޭނުންކުރުމުން ދިމާވާ ސައިޑް އިފެކްޓްތައް އެބަހުއްޓެވެ. އަދި މިއީ ޖިންސީ ގޮތުން އަރާ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެއް ވެސް ނޫނެވެ.
ޕިލް ބޭނުންކުރުމުން ބްލަޑް ކްލޮޓް (ލޭގަނޑުވުން) އަދި އުރަމަތީ ކެންސަރަށް މަގު ފަހިވާ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ. އެކަމަކު މި ނުރައްކަލުގެ ފުރުސަތު ވަރަށް ހަންޏެވެ.
"ކޮންމެ މީހަކީ ވެސް ތަފާތު މީހެއް. ދޭތެރެދުރުކުރުމަށް އެންމެންނަށް ބަރާބަރު ގޮތެއް ނެތް. އެހެންވެ ކޮންމެ އަންހެނަކަށް ވެސް އެ މީހަަކަށް ރަނގަޅު ގޮތެއް އޮންނާނެ،" އެފްއެސްއާރްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ސާރާ ހާޑްމަން ވިދާޅުވި އެވެ.
"ކޮމްބައިންޑް ހޯމޯނަލް ކޮންޓްރެސެޕްޝަން" އިން ސިއްހީ ބައެއް މައްސަލަތައް އިތުރަށް ބޮޑުވާ ކަމަށް ސާރާ ވިދާޅުވި އެވެ. އެހެންވެ އޭނާ ވިދާޅުވީ އެއީ ހުރިހާ އަންހެނުންނަށް ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. އަދި މިއީ އުމުރުން 35 އަހަރުން މަތީގެ މީހުންނާއި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ސިއްހީ ބައެއް މައްސަލަަތައް ހުންނަ މީހުންނަށް ވެސް ރަނގަޅު އެއްޗެއް ނޫނެވެ.
- ބޭސް ކާންޖެހޭ ވަގުތަށް ވުރެ 24 ގަޑިއިރު ފަހުން ކެއުމުން
- ބޭސް ކެއުމަށް ފަހު ދެ ގަޑިއިރު ނުވަނީސް ހޮޑު ލެވުމުން
- 24 ގަޑިއިރަށް ވުރެ ގިނައިރު، ގަދަޔަށް ބޭރަށް ހިންގުމުން
- އެހެން ބޭނުމަކަށް ކާ ބޭހެއްގެ ސަބަބުން ވެސް "ޕިލް" ގެ މަސައްކަތަށް ހުރަސް އެޅިދާނެ. އެހެންވެ، ބޭސް ބޭނުންކުރާ ނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދަންވާނެ.