ޔޫތު ޗެމްޕިއަންޝިޕްގައި މި ފަަހަރު ނުވަ ޓީމު
ޔޫތު ޗެމްޕިއަންޝިޕްގައި މި ފަަހަރު ނުވަ ޓީމު

ސީޒަނުގެ ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށްވާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި މި ފަހަރު ނުވަ ޓީމެއް ވާދަކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައިވާދަކުރާ ނުވަ ޓީމަކީ ނިއު ރޭޑިއަންޓް، މާޒިޔާ، ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް)، ށ. ފޯކައިދޫ، ވިކްޓަރީ އަދި ބ.އޭދަފުށީ ޓީމެވެ.

ފުރަތަމަ ޑިވިޝަނުގައި މި ފަހަރު ކުޅޭ ޓީމުތަކުގެ ތެރެއިން ބައިވެރިނުވަނީ ޔުނައިޓެޑް ވިކްޓަރީ އާއި ފ. ނިލަންދޫ އެވެ.

މުބާރާތް ރޭވިފައި އޮތީ ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ގޮތަށެވެ. އެ ގޮތުން އެއް ގްރޫޕެއްގައި ފަސް ޓީމު އަނެއް ގްރޫޕުގައި ހަތަރު ޓީމެއް ވާދަކުރާއިރު، ސެމީ ފައިނަލަށް ކޮންމެ ގްރޫޕަކުން ދެ ޓީމެއް ހޮވޭނެ އެވެ. މުބާރާތް ފަށަން ތާވަލްކޮށްފައިވަނީ އަންނަ މަހު ފުރަތަމަ ހަފްތާ ތެރޭގަ އެވެ. އެފްއޭއެމް މީގެ ކުރިން ބުނީ މުބާރާތް ފަށާނީ އަންނަ މަހު ތިން ވަނަ ދުވަހު ކަމަށެވެ.

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން 2011 ވަނަ އަހަރު ފެށި މި މުބާރާތް ކުރިއަށްގެންގޮސްގެން ގިނަ ކަންތައްތަކެއް ހާސިލްވެފައިވާތީ މިދިޔަ އަހަރު މި މުބާރާތް 19 އަހަރުން ދަށަށް ބަދަލުކުރީ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެކަމަކު އަލުން 21 އަހަރުން ދަށަށް މި މުބާރާތް ބަދަލުކުރީ އާ ވިސްނުމެއްގައި ކުރިއަށް ދިއުމަށެވެ. އެއީ އެއް އަހަރު 21 އަހަރުން ދަށަށް، އަނެއް އަހަރު 19 އަހަރުން ދަށަށް ބާއްވާށެވެ. އޭރުން މި އަހަރު ވާދަކުރި ކުޅުންތެރިން އިތުރު ހަރުފަތަކަށް އަރައި އަންނަ އަހަރު ކުޅެން އާ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބިގެންދާނެތީ އެވެ.

މި ފަހަރުގެ މުބާރާތަށް މި މަހުގެ ކުރީކޮޅުގައި ގިނަ ޓީމުތަކުން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. ގިނަ ޓީމުތަކުން ކުޅުންތެރިން ހޯދުމުގެ ގޮތުން ވަނީ ޓްރަޔަލްތަކެއް ބާއްވައިފަ އެވެ. އަދި މިހާރު ވަނީ ޓީމު ލިސްޓު ފައިނަލްކޮށް ހުށަހަޅައިފަ އެވެ.

ނިއު އިން މި ފަހަރު ކޯޗަކަށް ހަމަޖައްސާފައިވަނީ ސީނިއާ ލެވެލް ފުޓްބޯޅައަށް އާ ކޯޗެއް ކަމަށްވާ މުއާވިއަތު އިލްހާމެވެ. އޭ ލައިންސަންސް ނަގާފައިވާ މުއާވިތަކީ އިންޓަ ސްކޫލް މުބާރާތްތަކުގައި އަދި އެފްއޭއެމް ވައިޑީޕީގައި ވެސް މަސައްކަތްކޮށްފައިވާ ކޯޗެކެވެ. މާޒިޔާގެ ކޯޗަކީ އަހުމަދު ސުޒައިރު (ކޮއްކޮ) އެވެ. އޭނާ އަކީ މާޒިޔާ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗެވެ.

އީގަލްސްގެ ކޯޗަކީ މިދިޔަ އަހަރު ވެސް ކޯޗުކޮށްދިން އިބްރާހިމް ސައީދު (ކަކާ) އެވެ. އޭނާ އަކީ އީގަލްސްގެ ސީނިއާ ޓީމުގެ ވެސް ކޯޗިން ސްޓާފެކެވެ. ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ނިއު ރޭޑިއަންޓުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ.

މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގޭންގުގެ ޒުވާން ޓީމުގެ ކޯޗަކީ ކުރިން ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަކަށް ކޯޗުކޮށްދިން އަހުމަދު ނާޝިދު (ނާދު) އެވެ. ވިކްޓަރީ އަށް އިރުޝާދުދޭނީ ކުރިން އެ ޓީމަށް ކުޅުނު އަދި މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް ކޯޗު މުހައްމަދު ފަރީދު (ފަރިއްޓެ) އެވެ.

ފޯކައިދޫ ޓީމަށް އިރުޝާދުދޭނީ އެ ޓީމަށް މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން އަލީ ނިސްތާރު މުހައްމަދު އެވެ. އޭނާ ވަނީ ކުރިން ބީޖީ އާއި އީގަލްސްގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭދަފުށީ ޒުވާން ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރީގެ ކުޅުންތެރިއާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ.

މީގެ އަށް އަަހަރު ކުރިން ބާއްވަން ފެށި ޔޫތު މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު މި މުބާރާތް ފެށިއިރު މިހާތަނަށް ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ. އަދި މި މުބާރާތް އެންމެ ފަހުން 19 އަހަރުން ދަށަށް ހާއްސަކޮށްގެން މިދިޔަ އަހަރު ބޭއްވިއިރު ތަށި އުފުލާލީ ގްރީން ސްޓްރީޓްސް އިންނެވެ.