އަލްމާ އާއި ކްލަބް ވޮލީބޯލަށް މުހިއްމު މޮޅެއް
އަލްމާ އާއި ކްލަބް ވޮލީބޯލަށް މުހިއްމު މޮޅެއް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން އަލްމާ ސްޕޯޓްސް ކްލަބާއި ކްލަބް ވޮލީބޯލް މުހިއްމު މޮޅެއް ހޯދައިފި އެވެ.

ފަސް ޓީމުގެ މެދުގައި މިހާރު ކުރިއަށްދާ ޕްރިލިމިނަރީ ބުރުން އަނެއް ބުރަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. އިއްޔެގެ މެޗުތަކަށް ފަހު އެންމެ ކުރީގައި އޮތީ ހަ ޕޮއިންޓް ހަމަކޮށްފައިވާ ލޮރެންޒޯ ސްޕޯޓްސް ކްލަބާއި އަލްމާ އެވެ. މީގެ ތެރެއިން އަލްމާ ހަ ޕޮއިންޓް ހޯދީ ތިން މެޗު ކުޅެގެންނެވެ. ލޮރެންޒޯ ހަ ޕޮއިންޓް ހަމަކުރީ ދެ މެޗުން ވެސް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.

ތިން ވަނައިގައި އޮތީ ފަސް ޕޮއިންޓް ހޯދާފައިވާ ކްލަބް ވޮލީބޯލް އެވެ. ހަތަރު ވަނައިގައި އޮތް ޒެނިތު ސްޕޯޓްސް ކްލަބަށް އެއް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޒެނިތުގެ މައްޗަށް އަލްމާ ކުރިހޯދީ 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 26-24 އިން ޒެނިތު އެވެ. އަލްމާ މޮޅުވީ ފަހަތުން އަރައި ދެން ކުޅުނު ތިން ސެޓު ގެންގޮސްގެންނެވެ. ސެޓުތައް ދިޔައީ 17-25، 12-25 އަދި 16-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލްމާގެ އައިމިނަތު ޔުމްނާ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން ކްލަބް ވޮލީބޯލް ވަނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ކްލަބް ވޮލީބޯލް އިން ސެޓުތައް ގެންދިޔައީ 25-17، 25-21 އަދި 25-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކްލަބް ވޮލީބޯލްގެ މަރިޔަމް ނިޝާ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ލޮރެންޒޯ ނުކުންނާނީ ކްލަބް ވޮލީބޯލްއާ ދެކޮޅަށެވެ. މިއަދުގެ މެޗުން މޮޅުވެގެން ލޮރެންޒޯ އަށް ދެ ވަނަ ބުރުގެ ޖާގައަކާ ފިޔަވަޅަކާ ގާތަށް ޖެހިލެވޭނެ އެވެ. ޒުވާނުންގެ މަރުކަޒުގައި މިއަދުގެ މެޗު ފަށާނީ 16:30 ގަ އެވެ.

މިރޭ ކުޅޭ މެޗުގައި ޒެނިތު ބައްދަލުކުރާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ ދެކޮޅަށެވެ. މި ދެ ޓީމަކީ މުބާރާތުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ދެ ޓީމެވެ. އެހެންކަމުން ފުރަތަމަ މޮޅު ހޯދައި މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދެއް ހޯދުމަށް މި މެޗުގެ މުހިއްމުކަން މި ދެ ޓީމަށް ބޮޑެވެ. މެޗު ފަށާނީ 20:30 ގަ އެވެ.