22 އޯގަސްޓް 2016 - 21:17

ދަ ހޭގް (22 އޮގަސްޓް) - އާސާރީ ބިނާތަކަކަށް ގެއްލުން ދިން މައްސަލައެއްގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް ހިންގަން މިއަދު ފަށައިފި އެވެ.

ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީ އަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ އަމަލުތައް ބަލާ ބައިނަލްއަގުވާމީ ކޯޓެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އެ ނޫން ބާވަތުގެ ޖިނާއީ ކުށުގެ މައްސަލަތައް ވެސް އެ ކޯޓުން ބަލަ އެވެ.
އާސާރީ ތަނަކަށް ގެއްލުން ދިން މައްސަލައެއްގައި އައިސީސީގައި މިއަދު ފުރަތަމަ ފަހަރަށް ޝަރީއަތެއް ހިންގަން ފެށީ އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގައި ހުންނަ އިސްލާމީ ތާރީހާ ގުޅޭ މުހިންމު އާސާރީ ތަނެއް ކަމަށްވާ ޓިމްބުކްޓޫ ސިޓީގެ އަސާރީ މިސްކިތްތަކާއި ބިނާތަކަށް 2012 ގައި ގެއްލުން ދީ އެ ތަން ސުންނާފަތިކޮށްލި މައްސަލައިގަ އެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ މާލީގައި އޮންނަ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ އަހުމަދު އަލް ފަގީ އަލް މަހުދީގެ މައްޗަށެވެ. މިއީ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް ވެސް އައިސީސީން ހިންގާ ފުރަތަމަ ޝަރީއަތެވެ.
އެ މައްސަލާގައި މަހުދީގެ މައްޗަށް ދައުވާ އުފުލައި މިއަދު ޝަރީއަތް ފެށުމާ އެކު އޭނާ ވަނީ ކުށަށް އިއުތިރާފުވެ އަދި އެކަމަށް މައާފަށް ވެސް އެދިފަ އެވެ. އަދި އެފަދަ ކަންކަން ނުކުރަން ހުރިހާ މުސްލިމުންނަށް ވެސް އޭނާ ވަނީ ޝަރީއަތުގައި ގޮވާލައިފަ އެވެ.
މަހުދީ ކުށަށް އިއުތިރާފްވުމާ އެކު މި މަސް ނިމުމުގެ ކުރިން އޭނާގެ މައްޗަށް ހުކުމް އިއްވާނެ އެވެ.
ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން 30 އަހަރުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެ އެވެ. މިއީ އައިސީސީގެ ތާރީހުގައި ވެސް އެ ކޯޓުގެ ޝަރީއަތެއްގައި މީހަކު ކުށަށް އިއުތިރާފްވި ފުރަތަމަ ފަހަރެވެ.
ޔުނެސްކޯ އިން އެކުލަވާލާފައިވާ ދުނިޔޭގެ މުހިންމު އާސާރީ ތަންތަނުގެ ލިސްޓުގައި ހިމެނޭ ޓިމްބުކްޓޫ އަކީ އެފްރިކާގެ ހުޅަނގުގެ ގައުމުތަކަށް އިސްލާމް ދީން ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރި ސިޓީއެކެވެ. އެ ސިޓީ އަކީ 13 ވަނަ ގަރުނުން ފެށިގެން 17 ވަނަ ގަރުނުގެ ނިޔަލަށް އިސްލާމް ދީން އުގަންނައި ދިން މަރުކަޒެއް ވެސް މެ އެވެ. އިސްލާމް ދީނާ ގުޅޭ އެތައް ހާސް ލިޔުންތަކާއި ފޮތްތައް އެ ސިޓީގައި ރައްކާކޮށްފައި ހުއްޓެވެ.