ފެންނަ ފެނުމަށް މިއީ އެއްވެސް ކަމެއް ނޫނެވެ. އެކަމަކު ހައި ސްކޫލެއްގައި ބޭއްވި ޓެލެންޓް ޝޯއެއްގައި ދަރިވަރަކު އެއްލާ ފެންފުޅިއެއް މޭޒުމަތީގައި ގޮސް ޖެހޭއިރު ކޮޅަށް ހުންނަ މަންޒަރު ފެންނަ ވީޑިއޯއަކާ ހެދި އިންޓަނެޓްގައި މީހުން މޮޔަވަނީ އެވެ.

މި ވީޑިއޯގައި މި ފެންނަނީ އެމެރިކާގެ ނޯތު ކެރޮލައިނާގެ އެންޑްރޭ ކެލް ހައި ސްކޫލްގެ ދަރިވަރެއް ކަމަށްވާ މައިކް ސެނަޓޯ ޓެލެންޓް ޝޯގައި ޕާފޯމްކުރާ ތަނެވެ. އޭނާ އެއްލާ ފުޅި މޭޒުމަތީގައި ރީއްޗަށް ކޮޅަށް ހަރުލުމާ އެކު އޭނާގެ ސަޕޯޓަރުން ހީވަނީ ވާދަވެރި ފުޓްބޯޅަ މެޗެއްގައި ލަނޑެއް ޖެހުމުން ފޯރި ނަގާހެންނެވެ.

މި ހުނަރު ދައްކާލި ޒުވާނާއާ ހަވާލާދީ "ޓުޑޭ" ގައި ބުނެފައި ވަނީ އެއީ އޭނާ ކޮންމެ ދުވަހަކު ކުރާ ކަމެއް ކަމަށެވެ.

"މިއީ އަހަރެން ކޮންމެ ދުވަހަކު ވެސް ކުރަމުން ގޮސް ވަރަށް ފަރިތަވެފައިވާ ކަމެއް. އަހަރެން ދަންނަ އެންމެންނަަށް ވެސް އެނގޭނެ އަހަރެން މިގޮތަށް ފުޅި އެއްލާކަން،" ސެނަޓޯ ބުނެފައިވެ އެވެ.

މި މަންޒަރު އެންމެ ފުރަތަމަ ސޯޝަލް މީޑިއާ އަށް އާންމުވި ވީޑިއޯ ކްލިޕް ބެލި މީހުންގެ އަދަދު އެތައް ހާހަކުން އުޅޭއިރު ސެނަޓޯ ބުނީ މިކަމަށް އެހާ ގިނަ ބަޔަކު ޝައުގުވެރިވެގެން އުޅެނީ ވަރަށް އާދައިގެ އެކަމަކު ކުރަން އުނދަގޫ ކަމަކަށް ވާތީ ކަމަށެވެ. އެންމެ ފުރަތަމަ މި މަންޒަރު އާންމުވީ ޓްވީޓްކުރި ވީޑިއޯއަކުންނެވެ. އެ ވީޑީއޯ ބައި ލައްކަ އަށް ވުރެ ގިނަ ފަހަރު ރިޓްވީޓްކޮށްފައިވެ އެވެ.

މިގޮތަށް އެއްލައިގެން ފުޅިއެއް ކޮޅަށް ބެހެއްޓޭތޯ ބަލައިލަމާ ހިނގާށެވެ.