ފެޑެރާ ބަލިކުރެވުނަސް ސިޓްސިޕާސް ހުރީ ހަމަބިމުގައި
ފެޑެރާ ބަލިކުރެވުނަސް ސިޓްސިޕާސް ހުރީ ހަމަބިމުގައި

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 23) - އޮސްޓްރޭލިން އޯޕަން ސެމީ ފައިނަލުން ފުރުސަތު ލިބުނުއިރު އެންމެ ބޮޑު ކާމިޔާބީ އަކީ ރޮޖާ ފެޑެރާ އަތުން ހޯދި މޮޅު ކަމަށާއި އެކަމަކު ކުރިއަށް އޮތް ސެމީ ފައިނަލަށް ނުކުންނާނީ އެކަން ސިކުނޑީގައި ބަހައްޓައިގެން ނޫން ކަމަށް އުއްމީދީ ޓެނިސް ކުޅުންތެރިއާ ސްޓެފަނޯސް ސިޓްސިޕާސް ބުނެފި އެވެ.

ފެޑެރާ ބަލިކުރެވުނަސް ސިޓްސިޕާސް ހުރީ ހަމަބިމުގައި
ފެޑެރާ ބަލިކުރެވުނަސް ސިޓްސިޕާސް ހުރީ ހަމަބިމުގައި

ގްރީސް އަށް އުފަން ސިޓްސިޕާސް މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ގަދަ 16 ކުޅުންތެރިންގެ ބުރުގައި މަޝްހޫރު ޓެނިސް ތަރި ފެޑެރާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އެ މެޗަށް ފަހު ގިނަ ބަޔެއްގެ ލޯތައް ސިޓްސިޕާސް އަށް އަމާޒުވި އެވެ.

އިއްޔެ ކުޅުނު މުބާރާތުގެ ކުއާޓާ ފައިނަލު މެޗުގައި ސިޓްސިޕާސް ނުކުތީ ސްޕެއިނުގެ ރޮބާޓޯ ބައުޓިސްޓާ އެގަޓާ ދެކޮޅަށެވެ. ތިން ގަޑިއިރާއި 15 މިނިޓަށް ދިގުދެމިގެންދިޔަ މި މެޗުން ސިޓްސިޕާސް މޮޅުވިއިރު، މެޗުގެ ސެޓުތައް ދިޔައީ 7-5، 4-6، 6-4، 7-6، (7-2) އިންނެވެ.

އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުން ސިޓްސިޕާސް ޖާގަހޯދުމުން އޭނާގެ މި ކާމިޔާބީ ހާއްސަވާ އެހެން ސަބަބެއް އެބައޮތެވެ. އެއީ އޭނާ އަކީ 2007 ވަނަ އަހަރުގެ ޔޫއެސް އޯޕަންގައި ނޮވަކް ޖޮކޮވިޗަށް ފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި އެންމެ ޒުވާން ކުޅުންތެރިއާ އެވެ.

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ސެމީން ފުރުސަތު ހޯދިއިރު ސިޓްސިޕާސްގެ އުމުރަކީ 20 އަހަރާއި 168 ދުވަހެވެ. އަދި އޭނާ އަކީ 2003 ވަނަ އަހަރުގެ މުބާރާތުގައި އެންޑީ ރޮޑިކަށް ފަހު ސެމީގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިއާ އެވެ.

"މި ދުވަސްތައް ހީވަނީ ހުވަފެނެއް ހެން. ހީވަނީ ހިޔާލީ ވާހަކައެއްގެ ތެރޭގައި އުޅެވޭހެން. ހަގީގަތުގައި މިއީ އަހަރެން އުއްމީދުގައި ހުރެ ކުރި ބުރަ މަސައްކަތް. މިއީ އަހަންނަށް ޖަޒުބާތީ ވަގުތުކޮޅެއް. އެކަމަކު ޔަގީނުން ވެސް އަހަރެން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން،" އިއްޔެގެ ކުއާޓާ ފައިނަލު މެޗަށް ފަހު ސިޓްސިޕާސް ބުންޏެވެ.

"ފެޑެރާ ބަލިކުރެވުމަކީ އެންމެ ބޮޑު ކާމިޔާބީ. އެކަމަކު އޭގެއިން ލިބުނީ ހިތްވަރު. އަހަރެން އެކަމާ މާ ބޮޑަށް އުފާފާޅެއް ނުކުރާނަން. މިހުރީ ހަމަބިމުގައި. އަދި ކުރަން ހުރި މަސައްކަތް ވަރަށް ގިނަ."

މި މުބާރާތުގައި 14 ވަނަ އަށް ސީޑުކޮށްފައިވާ ސިޓްސިޕާސް ސެމީ ފައިނަލުގައި ނުކުންނާނީ 2009 ވަނަ އަހަރުގެ ޗެމްޕިއަން ރަފައެލް ނަޑާލާ ދެކޮޅަށެވެ. ނަޑާލް ވަނީ ކުއާޓާގައި ފްރާންސެސް ޓިއާފޯ ބަލިކޮށްފަ އެވެ.