23 ޖެނުއަރީ 2019 - 07:25

ސައްކޭލަކީ ރާއްޖޭގައި ހައްދާ މޭވާއަކަށް ނުވިޔަސް މިއީ އާންމުކޮށް ގަންނަން ލިބޭ އެއްޗެކެވެ. ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް މިއީ ކޮންމެހެން ވެސް ކާން މުހިއްމު އެއްޗަކަށް ވާނެ އެވެ. ސަބަބަކީ ސިއްހީ ފައިދާތައް ގިނަވުމެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސައްކޭލަކީ ފަލަވުމާއި ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުގެ އިތުރުން ނާރުތަކަށް ދިމާވާ މައްސަލަތަކުން ރައްކާތެރިކޮށް ދޭން ބާރު އަޅާ އެއްޗެކެވެ. އެހެންވެ އާންމުކޮށް ސައްކެޔޮ ކާ ނަމަ، ލިބޭ ސިއްހީ ފައިދާތައް ތަޖުރިބާ ކުރެވޭނެ އެވެ.

މި މޭވާގެ ހާއްސަ ކަންކަމަށް ބަލާ އިރު މިއީ ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސްތަކުން މުއްސަނދުވެފައިވާ މޭވާއެކެވެ. ސައްކެޔޮ ބޭނުން ކުރުމުން ދިފާއީ ނިޒާމު ވެސް ވަރުގަދަކޮށްދީ ބަލިތަކުން ރައްކާތެރިކޮށް ދޭން ބާރަކަށްވެ އެވެ.
ސައްކޭލުގެ ހާއްސަ އަނެއް ކަމަކީ ވިޓަމިން (ބީޓާ-ކެރަޓީން) މަތީ މިންވަރަކަށް އެކުލެވޭތީ ލޮލުގެ އެކި ކަހަލަ މައްސަލަތަކުން ވެސް ރައްކާތެރތިކޮށް ދިނުމެވެ. އެގޮތުން އިރުގެ ދޯދިތަކުންނާއި ގަދަ އަލިތަކުން ލޮލަށް ކުރިމަތިވާ މައްސަލަތަކުން ރައްކާތެރިކޮށްދީ، ލޮލުގެ ފެނުން ރަނގަޅުކޮށްދެ އެވެ.
ހަކުރު ބަލި ހުންނަ މީހުންނަށް ސައްކޭލަކީ ވަރަށް ރަނގަޅު މޭވާއެކެވެ. މީގެ ގްލައިސެމިކް އިންޑެކްސް ދަށްވުމާއި ވަރަށް ފުދޭ މިންވަރަކަށް ފައިބާ ހިމެނުމުގެ އިތުރުން، ޕްރޮޓީން އާއި އެންޓިއޮކްސިޑަންޓްތައް އެކުލެވޭ ނިސްބަތަށް ބަލާ އިރު، މިއީ ހަކުރު ކޮންޓްރޯލްކޮށް ދޭނެ މޭވާއެކެވެ.
މިއީ ފެޓުން ސަލާމަތްވެފައިވާ، ކެލޮރީޒް ދަށް މޭވާއަކަށްވާތީ، ބަރުދަން ކޮންޓްރޯލް ކުރަން ބޭނުންވާ މީހުންނަށް ސައްކޭލަކީ އެއް ނަމްބަރުގެ މޭވާއަކަށް ވާނެ އެވެ.
ސައްކޭލަކީ އެ ކެއުމުން ބަނޑުފުރިފައިވާކަން އިހުސާސްކޮށް ދޭނެ އެެއްޗެކެވެ. އެހެންވެ މިއީ ބޭކާރު ކެއުންތަކާ ދުރުކޮށްދޭނެ އެއްޗަކަށް ވެސް ވާނެ އެވެ.