22 ޖެނުއަރީ 2019 - 14:17

ޖަކާޓާ (ޖެނުއަރީ 22) - އިންޑޮނީޝިއާގެ ބާލީގައި 2002 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގައި އެންމެ އިސްކޮށް ހުރި ކަމަށް ބެލެވޭ އަބޫ ބަކަރް ބާސީރު ޖަލުން ދޫކޮށްލަން ނިންމުމުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ސެކިއުރިޓީ މިނިސްޓަރު ވިދާޅުވީ އަބޫ ބަކަރް ދޫކޮށްލަން ނިންމި ނިންމުން މުރާޖައާ ކުރަން ރައީސް ޖޮކޯ މިޑޯޑޯ މިހާރު ނިންމަވާފައިވާ ކަމަށެވެ. ރައީސް އެގޮތަށް ނިންމެވީ އޮސްޓްރޭލިއާ އަށް ވެސް "އިހްތިރާމް ކުރުމަށް" އެ ގައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން އެދިވަޑައިގެންފައި ވަނިކޮށެވެ.
ބާލީގެ ނައިޓްކްލަބަކަށް ދިން ބޮމުގެ ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭން ގިނައީ އޮސްޓްރޭލިއާ މީހުންނެވެ. ހައްދުފަހަނަޅާފައިވާ ހަރަކާތްތަކަށް ހިތްވަރު ދިނުމުގެ ކުށުގައި އަބޫ ބަކަރް 15 އަހަރަށް ޖަލަށްލީ 2011 ވަނަ އަހަރު އެވެ.
އަބޫ ބަކަރް އަކީ މިހާރު މަނާކޮށްފައިވާ ޖަމާހްއިސްލާމިއާގެ ރޫހާނީ ލީޑަރެވެ. އުމުރުން 80 އަހަރުގެ އަބޫ ބަކަރް ދޫކޮށްލަން އިންޑޮނީޝީއާގެ ރައީސް މިދިޔަ ހަފުތާގައި ނިންމެވީ އޭނާގެ ސިއްހީ މައްސަލަތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. ނަމަވެސް ފާޑުކިޔުންތައް އިތުރުވާން ފެށުމުން ސެކިއުރިޓީ މިނިސްޓަރު ވަނީ އެ ނިންމުމުން މުރާޖައާ ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.