އެމްއައިބީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކޮށްފި
އެމްއައިބީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަންގްލާދޭޝް ބޭފުޅެއް ކަމަށްވާ އަބްދުލް މުހައިމިނު ހަމަޖައްސައިފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު މަގާމަށް އައްޔަންކުރި މުހައިމިނަކީ ބަންގަލޭޝީގެ ޔުނައިޓެޑް ކޮމާޝަލް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމާއި ބަންގަލޭޝްގެ އެންމެ މަގުބޫލް އެއް ބޭންކު ކަމަށްވާ ބްރެކް ބޭންކް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މުހައިމިންއާ ހަވާލާދީ އެމްއައިބީން ބުނީ ރާއްޖެއަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި މި ސަރަހައްދުގައި ގިނަ ފުރުސަތުތަކެއް އޮތް ގައުމެއް ކަމަށެވެ. އަދި މި ސަރަހައްދުގައި އިސްލާމިކް ބޭންކު ތަރައްގީކުރުމަށްޓަކައި އެމްއައިބީ އަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައިމިން ވަނީ މިދިޔަ 30 އަހަރުގެ ތެރޭގައި އޭޝިއާ އާއި އޮސްޓްރޭލިއާގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި މަލްޓި ނޭޝަނަލް ކޯޕަރޭޝަންތަކުގެ އިތުރުން ރީޖަނަލް ބޭންކުތަކުގައި މަސައްކަތްކުރައްވައިފަ އެވެ.

އޭނާ ވަނީ ޑާކާ ޔުނިވާސިޓީން އެމްބީއޭ ހާސިލުކުރައްވައިފަ އެވެ. އަދި ކެމްބްރިޖު ޔުނިވާސިޓީ އާއި ހާވާޑް ޔުނިވާސިޓީގެ އިތުރުން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން މެނޭޖްމެންޓް ދާއިރާގެ ކޯސްތަކުގައި ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.