ދުނިޔޭގެ އެއް ވަނަ ސިމޯނާ ބަލިކޮށް ސެރީނާ ކުއާޓާ އަށް
ދުނިޔޭގެ އެއް ވަނަ ސިމޯނާ ބަލިކޮށް ސެރީނާ ކުއާޓާ އަށް

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 22) - ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް އަންހެން ޓެނިސް ކުޅުންތެރިއާ ސިމޯނާ ހަލެޕް ބަލިކޮށް މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މި ފަހަރުގެ މުބާރާތުގައި 16 ވަނަ އަށް ސީޑުކޮށްފައިވާ ސެރީނާ އިއްޔެގެ މެޗު ފަށައިގެން ދިޔައީ ސިމޯނާގެ މައްޗަށް ކުރިހޯދަމުންނެވެ. ކޮންމެ ސެޓެއްގައި ވެސް މުހިއްމު ވަގުތު ސެރީނާ ފޮނުވަމުންދިޔަ ބާރު ބޯޅަތަކުން އޭނާ ދިޔައީ ސިމޯނާ އަށް ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވަމުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ނިމުނީ 6-1 ،4-6 ،6-4 އިންނެވެ.

އުުމުރުން 37 އަހަރުގެ ސެރީނާ މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އަށް ނުކުތީ ހާއްސަ އަމާޒަކާ އެކު އެވެ. އެއީ 24 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް ޓެނިހުގެ ތާރީހުގައި އޭނާ ނަން ފަވާލުމަށެވެ. މި ވަގުތު ސެރީނާ އަކީ އޯޕަން އިރާގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ކުޅުންތެރިއާ އެވެ. އެކަމަކު މިހާރު ސެރީނާ އަމާޒުހިފާފައިހުރީ މާގަރެޓް ކޯޓު 24 ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ހަދާފައި އޮތް ރެކޯޑާ ހަމަކުރުމަށެވެ.

ދަރިއަކު ހޯދުމަށް ފަހު މިދިޔަ އަހަރު އަލުން ޓެނިސް ކުޅެން ފެށި ސެރީނާ އަށް އޭގެ ފަހުން އަދި ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ނުކުރެވެ އެވެ. އޭނާ ގްރޭންޑް ސްލޭމެއް ކާމިޔާބުކުރުމާ އެންމެ ގާތަށް ޖެހިލީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގަ އެވެ. އެކަމަކު އެ ފައިނަލުގައި ހިނގާދިޔަ ގިނަ ކަންތައްތަކަށް ފަހު ސެރީނާ ފައިނަލުން ބަލިވި އެވެ.

ޔޫއެސް އޯޕަން ފައިނަލުގައި ޖަޕާނުގެ ނައޯމީ އޮސާކާއާ ދެކޮޅަށް ކުޅުނު މެޗުގައި މައްސަލަ ޖެހުނީ ދެ ވަނަ ސެޓުގައި ސެރީނާގެ ކޯޗު ޕެޓްރިކް މޫރަޓޮގްލޫ މެޗުގެ މެދުތެރެއިން އިޝާރާތުން ސެރީނާ އަށް ކިޔައިދޭ މަންޒަރު ފެނުމުން އަމްޕަޔަރު ރާމޯސް އެކަމާ ފިޔަވަޅު އެޅުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ސެރީނާ ވަނީ އޭނާ މަކަރު ނަހަދާނެ ކަމަށް ބުނެ، އޭނާ ކުޅެން ގެންގުޅުނު ރެކެޓް ބިންމައްޗަށް އެއްލާލައިފަ އެވެ. އެއާ އެކު އަމްޕަޔަރު ރާމޯސް ވަނީ ސެރީނާ އަށް އިތުރު ފިޔަވަޅު އަޅައިފަ އެވެ.

އަދި އެ ގޭމް ނިމުނު ފަހުން ސެރީނާ ވަނީ އަމްޕަޔަރު ރާމޯސް އަކީ ދޮގުހަދައި ވައްކަން ކުރާ މީހެއް ކަމަށް ބުނެފަ އެވެ. އެއާ އެކު އަމްޕަޔަރު ރާމޯސް ޖެހިގެން އައި ގޭމް ނައޯމީ އަށް ލިބުނު ކަމަށް ނިންމި އެވެ. އޭގެ ފަހުން ސެރީނާ އަށް ހަމަޖެހިނުލެވުނުއިރު، ނައޯމީ މެޗުން މޮޅުވި އެވެ.

"ޔޫއެސް އޯޕަންގައި ވެދިޔަ ކަންތައްތައް އަހަރެން ހަނދާނުން ފޮހެލައިފިން. މިހާރު އަމާޒަކީ މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރުން،" އިއްޔެގެ މެޗަށް ފަހު ސެރީނާ ބުންޏެވެ.

ހަތް ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައިވާ ސެރީނާ މުބާރާތުގެ ކުއާޓާ ފައިނަލުގައި ނުކުންނާނީ ޗެކް ރިޕަބްލިކްގެ ކެރޮލީނާ ލިސްކޯވާއާ ދެކޮޅަށެވެ. ކެރޮލީނާ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ގްރޭންޑް ސްލޭމް ދެ މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕެއިނުގެ ގާބިން މުގުރުޒާ ބަލިކުރުމަށް ފަހު އެވެ.