22 ޖެނުއަރީ 2019 - 09:01

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ފަށާފައިވާ ކަންކަމަށް އެއްބާރުލުން ދެއްވުމަށްޓަކައި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ގާޒީކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ކަންކަމަށް ސުޕްރީމް ކޯޓުން ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާ ހަމައަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ޖުޑިޝަލް ރިފޯމްގެ ކަންކަމަށް އެއްބާރުލުން ދިނުމުގެ ނަމޫނާ ދައްކަން އަޅުގަނޑު ބޭނުންވީ. އެހެންވެ އިސްތިއުފާ ދިނީ،" ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާ ދެއްވަން ޖެހެ އެވެ. ސަބަބަކީ ފަނޑިޔާރުކަމަށް އައްޔަން ކޮށްފައިވާ ގޮތާ މެދު ސުވާލު އުފައްދަމުން ދާތީ އެވެ.
"އައްޔަން ކުރި ގޮތާ މެދު ސުވާލު އުފެދޭ ފަނޑިޔާރުން އެބަތިއްބެވި. ވަކި އަދަދަކަށް ކޯޓާ ދީގެން ފަނޑިޔާރުން އައްޔަން ކުރި ކަމަށް އެބަކިޔާ. ގޭންގްތަކުން ބޭނުންވާ މީހުން ފަނޑިޔާރުކަމަށް އައްޔަން ކުރި ކަމަށް އެބަ ބޭނުން. އެހެންވީމާ މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާ ދެއްވައިގެން ނޫނިއްޔާ ޖުޑިޝަލް ރިފޯމްގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ފަނޑިޔާރުން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން އަލުން އައްޔަން ކުރަން،" ދާދި ފަހުން މާލީ ބަޔާން އާންމު ކުރެއްވި ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ހުންނަވާނީ ގައުމީ ޚިދުމަތުގައި ކަމަށެވެ.