23 އޯގަސްޓް 2016 - 06:33

ފޯނު ނިއްވާފައި އޮންނައިރު އެ އޮންނަނީ ބެޓެރީ އަށް ބޭނުންނުޖެހޭ ހާލަތަކު ނޫނެވެ. މިސާލެއް ބުނެދޭނަމެވެ. ނިދަން އޮށޯންނަމުން ބައެއް މީހުން ފޯނު ނިއްވާލަ އެވެ. އެއީ ހުޅުވާފައި ބޭއްވުމުން ބެޓެރީ ހުލިވެދާނެތީއެއް ނޫނެވެ. ފޯނު ރިންގުވާ އަޑަށް ހޭލެވި، އަރާމު ނިދި ޚަރާބުވެދާނެތީ އެވެ.

ހެނދުނު ތެދުވެ ފޯނު ހުޅުވާލެވެނީ ހަމަ ހޭލާ ގޮތަކަށް ނޫނެވެ. އެކަމަކު ބަރާބަރަށް ގަޑި ހިނގަ ހިނގާ ހުރެ އެވެ. ތާރީޚް ހަމަ އެ ދުވަހެއްގެ ތާރީޚެވެ. އަލުން ބަލުން ގަޑި އާއި ތާރީޚް ހަމަކުރާކަށް ނުޖެހެ އެވެ. މާނަ އަކީ ފޯނު ނިއްވާފައި އޮތްއިރު ވެސް ގަޑި ބަރާބަރަށް ހިނގަމުން ދިއަ ކަމެވެ. ގަޑި ހިނގުމަށްޓަކައި ބެޓެރީގެ އެހީތެރިކަމަށް ބޭނުންވެ އެވެ.

ސްމާޓްފޯން ޑިޒައިންކުރާ މީހުން އެކި ފޯނުގައި އެކި ސިފަ ޖައްސަ އެވެ. ފޯނަށް ދީފައި ހުންނަ ގާބިލްކަމަށް ބެލި ނަމަވެސް އެކި ފޯނު އެކި ވަރެވެ. ބައެއް ފޯނު ޑިޒައިންކޮށްފައި ހުންނަ ގޮތުން ނިއްވާލާފައި އޮންނައިރު ވެސް އެލާމް ވެ އެވެ. ބައެއް ފޯނު ނުވެ އެވެ. ވަކި ގަޑިއެއް ޖެހުމުން އެ ޖެހުނީ އެލާމްކުރާ ގަޑިކަން ފޯނު ދެނެގަނެ އެވެ. އިލެކްޓްރޯނިކް މެޝިންތައް މަސައްކަތްކުރުމަށް ބެޓެރީ އަށް ބޭނުން ޖެހެ އެވެ.
ސްމާޓްފޯންތަކުގައި އާންމުކޮށް ބޭނުންކުރެވެނީ "ލިތިއަމް-އަޔަން" ބެޓެރީ އެވެ. އެއީ އޭގެ ޒާތުގައި އަމިއްލަ އަށް އޮވެ ވެސް ބާރު (ޗާޖް) ދާ އެއްޗެކެވެ. އެއީ ކީއްވެތޯ އަހާފާނެ އެވެ. އެކަމަކު މަތިޖަހާފައި ބެހެއްޓި ނަމަވެސް ގިނަ ދުވަސްވުމުން ރިހާކުރުގައި ފޫޖަހަނީ ކީއްވެތޯ އަހައިފި ނަމަ ޖަވާބުދޭން އުނދަގޫ ސުވާލަކަށް ނުވެ އެވެ. ކޮންމެ އެއްޗެއް ވެސް މުއްދަތު ހަމަވާ ތާރީޚެއް އޮވެ އެވެ. ބޭނުންކުރިއަސް ނުކުރިއަސް ވެސް އެވެ. ބެޓެރީން ބާރުދަނީ އޭގެ ތެރޭގައި ހިނގާ "ކެމިކަލް ރިއެކްޝަން"ގެ ސަބަބުންނެވެ.
ފޯނު ނިއްވާފައި އޮތުމަކުން ފޯނުކުރާ އަސާސީ މަސައްކަތްތައް ހުއްޓުމަކަށް ނާދެ އެވެ. އިލެކްޓްރޯނިކް މެޝިންގަނޑު އަބަދު ވެސް އޮންނަނީ ތައްޔާރީ ހާލަތުގަ އެވެ. ބޭނުންކުރާ މީހާ ކޮށްފާނެ އިޝާރާތަކަށް ބަލަބަލަ އެވެ. ފޯނު ހުޅުވާލުމަށްޓަކައި ފިތަށް އޮބާލާނެ އިރަކަށް ތައްޔާރަށެވެ. އެ ހާލަތުގައި އޮތުމަށް އެހީތެރިވާ މަދަދުގާރަކީ ބެޓެރީ އެވެ.
އެހެން ގޮސް ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ބެޓެރީ ކަމީނާވާން ފަށަ އެވެ. އަވަސް އަވަހަށް ޗާޖްކުރަން ޖެހެ އެވެ. އެއްގޮތަކަށް ވެސް ޗާޖް ނުހިފަހައްޓާ ހާލަަތެއް ވެސް ތަޖުރިބާކުރެވިދާނެ އެވެ. އެ ހިސާބުން ބެޓެރީ ހަލާކުވީ އެވެ. އާ ބެޓެރީއެއް ހޯދަން ޖެހުނީ އެވެ. އަންނައުނު ވެސް ބާވެ ވީދި ހަލާކު ވެ އެވެ. ލިތިއަމް-އަޔަން ބެޓެރީ ޗާޖްކުރެވެނީ ވަކި އަދަދަކަށެވެ. އެ އަށް ފަހު ޒަމާން ދެ އެވެ.