22 ޖެނުއަރީ 2019 - 09:08

ބާސެލޯނާ (ޖެނުއަރީ 22) - އިޓަލީގެ ސަސުއޮލޯ އަށް ކުޅެމުން އަންނަ، އަދި މިހާރު އޮއްސިފައިވާ ތަރިއެއް ކަމަށް ގިނަ ބަޔަކު ދެކޭ ގާނާގެ ކުރީގެ މިޑްފީލްޑަރު ކެވިން ޕްރިންސް ބޯޓެން ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ގެންދިއުމާ އެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިއްޖެ އެވެ.
ބޯޓެން ބާސެލޯނާއާ ގުޅުނީ ސީޒަނުގެ ބާކީ އޮތް ހަ މަސް ދުވަހަށެވެ. އެ މުއްދަތުގެ ތެރޭގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެނަމަ އެއްބަސްވުން ދާއިމީ ކުރުމުގެ އިހުތިޔާރު ބާސެލޯނާ އަށް އެބައޮތެވެ. އެއްބަސްވުން ދާއިމީ ކުރާއިރު ބާސެލޯނާ އިން ސަސުއޯލޯ އަށް ދައްކަން ޖެހޭނީ 7.1 މިލިއަން ޕައުންޑެވެ.
ބާސެލޯނާ އިން ބޯޓެން ގެނައީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމު ދޫކޮށްދިޔަ މުނީރު އެލް ހެއްދާދީގެ މަގާމަށެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ދެކޭގޮތުގައި ބޯޓެން ބާސެލޯނާގެ ސިސްޓަމަށް ހޭނެން މާ ގިނަ ވަގުތުތަކެއް ނުނަގާނެ އެވެ.
"ބޯޓެންގެ ކިބައިގައި އެބަހުރި ޔޫރަޕްގެ ވަރުގަދަ ގިނަ ލީގުތަކުގައި ކުޅުމުގެ ތަޖުރިބާ. ޕްރިމިއާ ލީގު، ބުންޑަސްލީގާ، ލަލީގާ ދެން އިޓާލިއަން ލީގު. މި ހުރިހާ ތަނެއްގައި އޭނާ ކުޅުނު ޓީމުތަކަށް ލަނޑު ޖަހައިދިން. މިއީ އަހަރެން އެންމެ ހިތްހަމަ ޖެހޭ ސަބަބަކީ،" ބޯޓެންއާ ބެހޭގޮތުން ވަލްވޭޑޭ ބާސެލޯނާ ޓީވީ އަށް ބުންޏެވެ.
ޖަރުމަނުގެ ހާތާ ބާލިން އިން 2004 ވަނަ އަހަރު ކެރިއަރު ފެށި ބޯޓެން ވަނީ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޕޯޓްސްމަތާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެފަ އެވެ. އޭނާ ވިދާލީ 2010-2013 އަށް އިޓަލީގެ އޭސީ މިލާނަށް ކުޅެ އެ ޓީމަށް ލީގު ކާމިޔާބުކޮށްދިނުމުގައި އަދާކުރި ދައުރާ އެކު އެވެ. އަދި 2012 އާއި 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކޮޅަށް ހިތްގައިމު ދެ ގޯލް ޖެހި އެވެ. އޭގެ ފަހުން އޭނާގެ ކުޅުން ފަނޑުވެ ޖަރުމަނުގެ ޝާލްކާ އާއި އަދި އަލުން މިލާނަށް ވެސް ކުޅުމަށް ފަހު ދެން ބަދަލުވީ ސްޕެއިނުގެ ލަސް ޕަލްމަސް އަށެވެ. އޭނާ ސަސުއޯލޯ އަށް ބަދަލުވީ މި ސީޒަނުގަ އެވެ.
ބާސެލޯނާ އަކީ ބޯޓެންގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭ 10 ވަަނަ ޓީމެވެ. އޭނާ ބުނީ ބާސެލޯނާ ފަދަ ޓީމަކަށް ކުޅެލުމުގެ ފުރުސަތަކީ އޭނާ މީގެ ކުރިން އުއްމީދުކޮށްގެން ހުރި ކަމެއް ނޫން ކަމަށާއި އެހެންވެ ފުރުސަތު ލިބުމާ އެކު ބޭނުން ހިފީ ކަމަށެވެ.
ބަޔާން މިއުނިކަށް ކުޅޭ ޖަރުމަން ޑިފެންޑަރު ޖެރޯމް ބޯޓެންގެ ބޭބެ ކެވިން ޕްރިންސް ބޯޓެން އިހުތިޔާރުކުރީ އޭނާގެ ބައްޕަ ނިސްބަތްވާ ގާނާގެ ގައުމީ ޓީމަށް ކުޅޭށެވެ. ގާނާ ގައުމީ ޓީމަށް 2010 އާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެދިނުމަށް ފަހު އޭނާ ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި އެވެ. އޭނާ އަކީ ޖަރުމަނުގެ ކުރީގެ ކެޕްޓަން މައިކަލް ބަލަކް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުމުގެ އުއްމީދަށް ހުރަސް އެޅި ކުޅުންތެރިޔާ އެވެ. އެގޮތުން ބަލަކަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނީ، އެ އަހަރުގެ ޗެލްސީ އާއި ޕޯޓްސްމަތު ކުޅުނު މެޗެއްގައި ބޯޓެން ކުރި ޓެކުލަކުންނެވެ.