23 ޖެނުއަރީ 2019 - 10:10

މަދޫރީ ޑިކްސިޓްގެ ތަފާތު ރޯލެއް ބަލައިލަން ބޭނުން ނަމަ "ޓޯޓަލް ދަމާލް" އަކީ ކޮންމެހެން ވެސް ބަލައިލަން ޖެހޭ ފިލްމަކަށް ވާނެ އެވެ.
އިންދަރު ކުމާރު ޑައިރެކްޓްކުރާ "ދަމާލް" ސީރިޒްގެ ތިން ވަނަ ފިލްމުން މަދޫރީ، 51، ފެނިގެން ދާނީ މީގެ ކުރިން ނުފެންނަ ކަހަލަ ތަފާތު މަޖާ ރޯލަކުންނެވެ. މި ފިލްމުގެ މުޅި ކާސްޓްގައި ވެސް ނަގާ ކިޔާ އަންހެނަކަށް ހުރީ އޭނަ އެވެ. ދެން ތިބީ މުޅިން ވެސް ފިރިހެނުންނެވެ.
"ޓޯޓަމް ދަމާލް" ގެ މައިގަނޑު ކާސްޓުންނަކީ އަނިލް ކަޕޫރް، އަޖޭ ދޭވްގަން، އަރުޝަދު ވަރުސީ، ރިތޭޝް ދޭޝްމުކް، ޖާވިދު ޖެފްރީ، ޖޯނީ ލީވާ، ބޯމަން އިރާނީ، މަހޭޝް މަންޖްރޭކަރް އަދި ސަންޖޭ މިޝްރާ އެވެ. އަދި މި ފިލްމުގެ ހާއްސަ ފެނިލުންތަކުން ސޮނާކްޝީ ސިންހާ އާއި އީޝާ ގުޕްތާ އާއި އާމިރު ހާން ވެސް ފެނިގެން ދާނެ އެވެ.
ފިލްމުގެ ޓެރެއިލާ އަށް ބަލައިލާ އިރު، މިއީ އެކި ކަހަލަ ހާދިސާތަކުން ބެލުންތެރިން ހީހީ ހަލާކުވާނެ ކަހަލަ ފިލްމަކަށް ވާނެ އެވެ.
އަދި މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އަނިލް އާއި މަދޫރީ 18 ވަރަކަށް އަހަރުން ފަހުން އަލުން އެކީގައި ސްކްރީނުން ފެނިގެން ދާނެތީ އެވެ. "ޓޯޓަލް ދަމާލް" އަކީ 2014 ގެ ފަހުން ސްކްރީނަށް އަންނަ މަދޫރީގެ ފުރަތަމަ ހިންދީ ފިލްމު ވެސް މެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރު އިންދަރު ކުމާރާ އެކު މަދޫރީ ވަނީ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "ދިލް"، "ބޭޓާ" އަދި "ރާޖާ" ހިމެނެ އެވެ.
"ޓޯޓަލް ދަމާލް" ގެ ކުރީގެ ދެ ފިލްމާ ހިލާފަށް ތިން ވަނަ ބައިގައި އޭ ލިސްޓް ތަރިންތަކެއް ހިމެނުމަކީ ވެސް ފިލްމަށް ބެލުންތެރިން ޝައުގުވެރި ކުރުވާނެ ކަމެކެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.