21 ޖެނުއަރީ 2019 - 14:10

ވެރިކަން ހިންގާ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ނުދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބި ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ކުނޫޒުގައި ރޭ ވާހަކަ ދައްކަވަމުން ގާސިމް ވަނީ ކޯލިޝަން ދެމެހެއްޓުމަށް، ޕާޓީތަކުން ހަދާފައިވާ އެއްބަސްވުން ތަންފީޒުނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހައްލެއް ހޯއްދަވައި ނުދެއްވުނު ކަމަށް ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމްގައި ހުންނެވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދާ ޕީއެންސީ އަށް ދާދި ފަހުން ސޮއިކުރެއްވި ހަލީލް ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދަ މަޖިލިހެއް ހޯދުމަށް އެ ބޭފުޅުން ތިއްބެވީ ގާސިމްގެ ފަހަތުގައި ކަމަށެވެ.
"އެމްޑީޕީގެ އިތުބާރެއް ނެތް އަދި އަނިޔާވެރި ވަކިތަކުން ރައްޔިތުންގެ މަޖިލިސް ސަލާމަތްކުރުމަށް ގާސިމް އިބްރާހިމް ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީއާއެކު. ރައްޔިތުން އެދޭ މަޖިލިހެއް ރައްޔިތުން ހޮވާނެ އަދި ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ނުދޭނެ،" ހަލީލް ޓުވީޓްގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކޯލިޝަނުން، ގުޅިގެން ވާދަ ކުރުމަށް އެއްބަސްވެ އެގޮތަށް އަމަލުނުކުރާ ކަމަށް ވިދާޅުވެ ގާސިމް ގެންދަވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.
"އަޅުގަނޑުމެންގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ތިމަންނާއާ، މުހައްމަދު ނަޝީދާ ދެ ބޭފުޅުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގޮސް އެ ގޮތް [ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުން] ބަދަލުކުރަން އެދުނަސް ނުކޮށްދޭނެއޭ. ދެން އަޅުގަނޑު ދެންނެވީ އެހެންތޯއޭ ވަރަށް ދެރައޭ. އަޅުގަނޑުމެން ބޭނުންވީ [ކޯލިޝަން] އެއްބަސްވުމާ އެއްގޮތަށްދާށޭ،" ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ ގޮނޑިތައް ކޯލިޝަންގެ ޕާޓީތަކަށް ވަކި ހަމަޔަކުން ބެހުމަށް އެއްބަސްވެފައިވާ ކަމަށް ބުންޏަސް އެމްޑީޕީން ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެން ނިންމައި، އެ ދާއިރާތަކުން ކެންޑިޑޭޓުން ހޮވަން ޕްރައިމަރީ ވެސް ބާއްވައިފަ އެވެ.