21 ޖެނުއަރީ 2019 - 13:23

ރިޔާޒް (ޖެނުއަރީ 21) - ރޮހިންޖާ މުސްލިމުންގެ 250 މީހުން ސައުދީ އަރަބިއާ އިން ބަންގްލަދޭޝް އަށް ޑިޕޯޓްކޮށްލަން ނިންމައިފި އެވެ.
ސައުދީ އަރަބިއާގައި ރޮހިންޖާ މުސްލިމުންގެ 300،000 ރެފިއުޖީން އުޅެ އެވެ.
"ސައުދީން ޑިޕޯޓްކުރާ ގިނަ މީހުންގެ އަތުގައި ސައުދީގެ ރެސިޑެންސީ ޕާމިޓް ވެސް އޮވޭ. އަދި އެ މީހުން ސައުދީގައި ދިރިއުޅެނީ ގަވާއިދާ އެއްގޮތަށް،" ކެމްޕޭން ގްރޫޕެއް ކަމަށްވާ ފްރީ ރޮހިންޖާ ކޯލިޝަންގެ ކޯޑިނޭޓަރު ނޭ ސަން ލުވިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިޕޯޓްކޮށްލާ ގިނަ މީހުން ސައުދީ އަށް އެތެރެވެފައި ވަނީ ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލުގެ ޕާސްޕޯޓުގައި ކަމަށެވެ.
ރޮހިންޖާ މުސްލިމުންގެ ރައްވެހިކަން މިއަންމާ އިން އުވާލަން ފެށީ 1982 ވަނަ އަހަރު އެވެ. އަދި އެ އަހަރުގެ ސިޓިޒަންޝިޕް ގާނޫނުގެ ދަށުން ރޮހިންޖާ މުސްލިމުންނަށް އެތައް ހައްގެއް ވަނީ ގެއްލިފަ އެވެ.
ރޮހިންޖާ މީހުންނަށް ރެސިޑެންސީ ޕާމިޓް ދޫކުރުން ސައުދީން ހުއްޓާލީ 2011 ވަނަ އަހަރު އެވެ.
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން 2017 ވަނަ އަހަރު ހިންގި އޮޕަރޭޝަނުގައި ހަ ލައްކައަށް ވުރެ ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.