މަޖިލީހުގެ މޫނުމަތި ފަރާތު ފާރު އުހެއް ނުކުރާނެ
މަޖިލީހުގެ މޫނުމަތި ފަރާތު ފާރު އުހެއް ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވަށާ ފާރު އުސްކުރި ނަމަވެސް، މޫނުމަތި ފަރާތުގެ ފާރު އުސް ނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

މަޖިލީހުގެ މޫނުމަތި ފަރާތު ފާރު އުހެއް ނުކުރާނެ
މަޖިލީހުގެ މޫނުމަތި ފަރާތު ފާރު އުހެއް ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ އުސްކުރާނީ ސިއްކަ ގޯޅިއާ ވީ ފަރާތުގައިވާ ފާރާއި ހަކުރާ ގޯޅިއާ ވީ ފަރާތުގެ ފާރު ކަމަށެވެ. އެ ދެފާރު އުސްކުރަނީ އަށް ފޫޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މެދު ޒިޔާރަތް މަގަށް، މިހުންނަ ފާރު ހުންނާނީ ހަމަ މިހާރުވެސް އެހުރި ގޮތަށް. މަޖިލީހުގެ މޫނުމަތި ފަރާތަށް އެއްވެސް ބަދަލެއް ނާންނާނެ،" ޒިޔާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާރު އުސް ކުރުމަކީ މިއަހަރު މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން އާބާތުރަ ފިލުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން ފެބްރުއަރީ ހަތެއްގެ ކުރިން އެ މަސައްކަތްތައް ނިންމާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަށާ ފާރު އުސްކުރަން ހަވާލުކޮށްފައި ވަނީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާ އެވެ.

ވަށާ ފާރު އުސްކުރާ ވާހަކަ ކުރިން ދައްކަވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ. އޭނާ އެ ވާހަކަފުޅު ދެއްކެވީ އިދިކޮޅު ފަރާތްތައް މަޖިލިހުގެ އިދާރާ އަށް ވަނުމަށް ސިފައިން ހުރަސް އެޅުމުން މެމްބަރުން ފާރުމަތިން އެރުއްވި ދުވަސްވަރުގަ އެވެެ. ނަަމަވެސް މޫސަ "މިހާރު" އަށް އިއްޔެ ރޭ ވިދާޅުވީ ވަށާ ފާރު އުސްކުރުމުގެ މަސައްކަތް ފެށިކަން އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގޭ އެކަހަލަ މަސައްކަތެއް ކުރާ ކަމެއް. އަޅުގަނޑަށް ހަމަ ކުރިންހެން ނޭނގޭ އަނެއްކާ ވެސް މަޖިލީހުގައި އެހެން ހިނގާ ކަންތައްތަކެއް،" މޫސަ ވިދާޅުވި އެވެ.