21 ޖެނުއަރީ 2019 - 12:01

އެސްޓީއޯގެ ޗެއާމަން ކަމުގެ މަގާމުން ހުސައިން ސާލިމް އިސްތިއުފާދެއްވައިފި އެވެ.
މިކަމާ ގުޅިގެން ސާލިމް ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ، މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނ. ހޮޅުދޫ ދާއިރާގެ ގޮނޑި އަށް ވާދަކުރައްވަން ނިންމަވާފައިވާތީ އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުރެގެން މަޖިލީހުގެ ގޮނޑިއަކަށް ކެމްޕެއިން ކުރުމަކީ ސުލޫކީ ގޮތުން އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ކުންފުނީގެ ޗެއާމަންގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް ވަގުތު ދެއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭތީ މިއަދުން ފެށިގެން އެސްޓީއޯގެ ބޯޑުގެ ޗެއާމަން ކަމުން އިސްތިއުފާ ދެއްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެސްޓީއޯގެ ޗެއާމަން ކަމުގެ މަގާމަށް ސާލިމް އައްޔަނުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޓީސީސީގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާފަ އެވެ.