21 ޖެނުއަރީ 2019 - 11:22

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ކަމަށް ކުރިމަތިލާން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އެ މަގާމުގެ ޝަރުތަކީ އުމުރުން 18 އަހަރު ފުރި އަދި އެއްވެސް ޕާޓީއެއްގެ މެމްބަރަކަށް ނުވާ މީހަކަށް ވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި ކެންޑިޑޭޓެއްގެ އާއިލީ މީހަކަށް ނުވުމުގެ އިތުރުން ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމެވެ. އަދި ސިއްހީ ގޮތުންނާއި ތައުލީމީ ގޮތުން އެކަމަށް ގާބިލްވުމަކީ ވެސް ޝަރުތެކެވެ.
އިއުލާނުގައިވާ ގޮތުން އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިއަކަށް ހަމަޖައްސާ މީހުންނަށް ވޯޓުލާ ދުވަހު 1،500ރ. ދޭއިރު، އޭނާގެ އެހީތެރިއަކަށް ހަމަޖައްސާ މީހުންނަށް 1،200ރ. ލިބޭނެ އެވެ. އަދި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ އެ ނޫން މީހުންނަށް 1،000ރ. ގެ އިނާޔަތެއް ދޭއިރު، ރިޒާވް އޮފިޝަލުންނަށް 500ރ. ގެ އިނާޔަތެއް ދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އީސީން ބުނީ އޮފިޝަލުގެ މަގާމަށް ކުރިމަތިލާ މީހުން އެކަމަށް ޚާއްސަ ތަމްރީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެ ތަމްރީނު ޕްރޮގްރާމް އޮންނާނީ އަންނަ މާޗް މަހު ކަމަށް އިއުލާނުގައިވެ އެވެ.
މީގެ އިތުރުން އޮފިޝަލުން ތަމްރީނު ކުރާނެ މީހުން ހޯދުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އަތޮޅުތަކުގައި އެ ތަމްރީނުތައް ދޭނެ 70 މީހަކު ހޯދަން ބޭނުންވާ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި ޓްރެއިނަރުންނަށް ދުވާލަކަށް 700ރ. ގެ އިނާޔަތެއް ދޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.