22 ޖެނުއަރީ 2019 - 07:30

އަލިފާން ނިއްވާ މީހެއްގެ ގޮތުގައި މަސައްކަތްކުރާ ތަން އާންމުކޮށް ފެންނަނީ ފިރިހެނުންނެވެ. އެކަމަކު މިއީ ފިރިހެނުންނަށް ހާއްސަ ކަމެއް ނޫނެވެ.
އިސްމީ ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ހަތަރު އަހަރުގެ އަންހެން ކުއްޖަކު ފަޔަ ފައިޓަރަކަށް ވާން ބޭނުންވާ ކަމަށް ބުނެ އޭނާގެ މަންމަ ހަނާ ސަމާޒް ކުރި ޓްވީޓަކާ ގުޅިގެން އެތައް ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފަ އެވެ.
ހަނާ މި މަހުގެ 18 ވަނަ ދުވަހު ކުރި ޓްވީޓްގައި ބުނީ އޭނާގެ ދަރިފުޅު އެއް ދުވަހު ސްކޫލުން އައިސް، ފިރިހެން ކުއްޖަކަށްވީ ނަމައޭ ބުނި ކަމަށެވެ. އެ ކުއްޖާ އެހެން ބުނީ އޭރުން ފަޔަފައިޓަރަކަށްވެވޭނެއޭ ބުނެފަ އެވެ. ދަރިފުޅުގެ އެ ވާހަކައާ ގުޅިގެން، އަންހެން ކުއްޖަކަށް ވެސް ފަޔާފައިޓަރަކަށް ވެވިދާނެ ކަމަށް ހަނާ ބުންޏެވެ.
އޭގެ ރައްދުގައި އިސްމީ ބުނީ ފޮތްތަކުން ވެސް މުޅިން ވެސް ފެންނަނީ ފަޔާ ފައިޓަރުންގެ ގޮތުގައި ފިރިހެން ކުދިން ކަމަށެވެ. އެހެންވެ ޓްވީޓްގައި ދެން ހަނާ އެދުނީ އަންހެން ފަޔާފައިޓަރުންގެ ވީޑިއޯ އާއި ފޮޓޯ ފެންނާނެ ގޮތެއް ވެދާނެތޯ އެވެ؟
މި ޓްވީޓަށް އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އަންހެން ފަޔާފައިޓަރުން އިޖާބަދީ، ޓްވީޓްކުރި އެވެ. އޭގެ ތެރޭގައި ކެނެޑާ އާއި އެމެރިކާ ފަދަ ގައުމުތަކުގެ އަންހެން ފަޔާފައިޓަރުން ހިމެނެ އެވެ.
އަންހެން ފަޔާފައިޓަރުން މަސައްކަތްކުރާ ތަންތަނުން ވަނީ އެ މީހުންގެ ފޮޓޯ ވެސް ޓްވީޓްކޮށް، އިސްމީ އަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ.
އަދި އަންހެން ކުއްޖަކަށް ވީތީ ފަޔާ ފައިޓަރަކަށް ނުވެވޭނެ ކަމަށް ގަބޫލު ކުރެވިފައި އޮތް އޮތުން މި ހިސާބުން ނިމުމަކަށް އައީ ކަމަށް ބުނެފައިވެ އެވެ. އަދި އަންހެން ފަޔާފައިޓަރުން މަސައްކަތް ކުރާ ތަންތަނަށް ޒިޔާރަތްކުރަން އެ ތަންތަނުން ވަނީ އިސްމީ އަށް ދައުވަތު ވެސް ދީފަ އެވެ.
މިކަމާ އުފަލުން އޭނާގެ މަންމަ ވަނީ ޓްވީޓަށް އިޖާބަ ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.