21 ޖެނުއަރީ 2019 - 09:49

އިއްޔެ ފެށި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުތަކުން އަލްމާ ސްޕޯޓްސް ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އަލްމާ މޮޅުވީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ ވާދަކޮށެވެ. އަދި ރޭ ކުޅުނު މެޗުން ލޮރެންޒޯ ވަނީ ޒެނިތު ސްޕޯޓްސް ކްލަބްގެ މައްޗަށް ފަސޭހަކަމާ އެކު ކުރިހޯދައިފަ އެވެ.
ޔޫތު ނިއު ޖެނެރޭޝަންއާ ދެކޮޅަށް ކުޅުނު މެޗުން އަލްމާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން މި މެޗުގެ ސެޓުތައް ގެންދިޔައީ 17-25، 17-25 އަދި 20-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލްމާގެ އައިމިނަތު ޔުމްނާ އެވެ.
މި ފަހަރުގެ މުބާރާތަށް ވަރުގަދަ ޓީމަކާ އެކު ނުކުތް ލޮރެންޒޯ ވަނީ ސީދާ ތިން ސެޓުން ޒެނިތު ބަލިކޮށްފަ އެވެ. ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން ވެސް ހިމެނޭ ލޮރެންޒޯ ރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-06، 25-11 އަދި 25-09 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޮރެންޒޯ އަށް ކުޅޭ ގައުމީ އަންހެން ޓީމުގެ ސެޓަރު ޖޫޒާން ޒަރީރު އެވެ.
މި މުބާރާތް މި ފަހަރު ކުރިއަށްދަނީ ދެ ބުރަަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ ފަސް ޓީމެއްގެ މެދުގައި ކުރިއަށްދާނީ ޕްރިލިމިނަރީ ބުރެވެ. މި ބުރުގައި ޔޫތު ނިއު ޖެނެރޭޝަނާއި އަލްމާ، ޒެނިތު އަދި ލޮރެންޒޯގެ އިތުރުން ދެން ވާދަކުރަނީ ކްލަބް ވޮލީބޯލް އެވެ. މި ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގަދަ ދެ ޓީމެއް ކޮލިފައިވާނީ އަނެއް ބުރަށެވެ. އެ ބުރުގައި އެ ދެ ޓީމު ވާދަކުރާނީ ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބާ އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވެމްކޯގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ތަށި އުފުލާލީ މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އެވެ. މި ފަހަރުގެ މުބާރާތުގައި މައިޑާ ވާދައެއް ނުކުރެ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ކްލަބް ވޮލީބޯލް ބައްދަލުކުރާނީ ޒެނިތުއާ އެވެ. މިރޭގެ މެޗުގައި ލޮރެންޒޯ ނުކުންނާނީ އަލްމާއާ ދެކޮޅަށެވެ.