ސިޓީ މޮޅުވިޔަސް ގާޑިއޯލާ ހިތްހަމަނުޖެހިފައި
ސިޓީ މޮޅުވިޔަސް ގާޑިއޯލާ ހިތްހަމަނުޖެހިފައި

ހަޑްސްފީލްޑް، އިންގްލެންޑް (ޖެނުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ހަޑްސްފީލްޑް ޓައުން އަތުން 3-0 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު ދެއްކި ކުޅުމާ މެދު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަ ނުޖެހިއްޖެ އެވެ.

ސިޓީ މޮޅުވުމުން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑުވަނީ ކުޑަވެފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 23 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ. ސިޓީގެ އޮތީ 23 މެޗުން 56 ޕޮއިންޓެވެ. ރޭ ރަށުންބޭރުގައި ފުލަމް އަތުން 2-1 އިން މޮޅުވި ޓޮޓެންހަމް ވަނީ ތިން ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

މިދިޔަ ހަފްތާގައި ހަޑްސްފީލްޑްގެ ކޯޗުކަމުން ޑޭވިޑް ވެގްނާ ވަކިވުމުން އިއްޔެގެ މެޗުގައި އިރުޝާދުދިނީ ކުރިން އެ ޓީމަށް ކުޅުނު މާކް ހަޑްސަން އެވެ. ސިޓީ އަށް މި މެޗުގައި ލީޑުނަގައިިދިނީ ބްރެޒިލްގެ ފުލްބެކް ޑަނީލޯ އެވެ. މެޗުގެ 18 ވަނަ މިނިޓްގައި އޭރިއާބޭރުން ޑަނީލޯ ޖެހި ބޯޅަ ގޯލަށް ވަނީ ހަޑްސްފީލްޑްގެ ކްރިސްޓޮފާ ޝިންޑްލާ ބޮލުގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ސިޓީގެ އަނެއް ދެ ލަނޑު ޖެހީ ރަހީމް ސްޓާލިން އާއި ލެރޯއި ސާނޭ އެވެ. އޭގެ ފަހުން ސިޓީ އަށް އިތުރު ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

"އަހަރެން ނުބުނާނަން މި މެޗުގައި އަހަރެމެންނަށް ތިން ގޯލަށް ވުރެ އިތުރަށް ގޯލެއް ޖެހުން ހައްގުވާކަމަށް. ހަގީގަތުގައި މި މެޗުގައި އަހަރެމެން މޮޅުވިޔަސް ބޭނުންވި ފަދަ ކުޅުމެއް ނުފެނުނު. އަހަރެމެން މެޗުތަކުގައި ކޮންޓްރޯލް ނަގައިގެން ކުޅޭ ކުޅުމާ ގާތަށް ވެސް މި މެޗުގައި ނުކުޅެވުނު. މިއީ ރަނގަޅުކުރަން ޖެހޭ ކަމެއް. މި މެޗުގައި ހިތްހަމަ ޖެހުމަކީ ތިން ޕޮއިންޓް،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

މި މެޗުގައި ޖެހި ގޯލުތަކާ އެކު ސިޓީ ވަނީ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 100 ލަނޑު ހަމަކޮށްފަ އެވެ. އެ ޓީމަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރެއިން މި ސީޒަނުގައި އެންމެ ފުރަތަމަ އެ އަދަދަށް ލަނޑު ހަމަކުރި ފުރަތަމަ ޓީމެވެ.

ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރަމުން އަންނަ ފުލަމް އަށް ރޭގެ މެޗުގައި ލީޑުލިބުނީ ޓޮޓެންހަމްގެ ފެނާންޑޯ ލޮރެންޓޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޓޮޓެންހަމުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. ފުރަތަމަ ލަނޑު ޖެހީ ޑެލެ އަލީ އެވެ. މެޗުގެ އިތުރު ވަގުތުގައި ޓޮޓެންހަމް މޮޅުކޮށްދިނީ އުއްމީދީ މިޑްފީލްޑަރު ހެރީ ވިންކްސް އެވެ.