ގަތަރުން އަޅައިދޭ ސްޓޭޑިއަމްގެ މަސައްކަތް އަވަސްކުރަނީ
ގަތަރުން އަޅައިދޭ ސްޓޭޑިއަމްގެ މަސައްކަތް އަވަސްކުރަނީ

ގަތަރު ސަރުކާރުން އަޅައިދޭން އެއްބަސްވި ފުޓްބޯޅަ ސްޓޭޑިއަމްގެ މަސައްކަތްތައް އަވަސްކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މީގެ ތިން ވަރަކަށް އަހަރު ކުރިން އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީގައި އޮތްއިރު އޭރު އެފްއޭއެމާ ހަވާލުވެ ހުރި މިހާރު އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވަނީ ގަތަރުގެ އެހީގައި އާ ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން އެ ވާހަކަތައް މަޑުޖެހިފައިވަނިކޮށް ސަރުކާރު ލެވެލްގައި އޭގެ އެހެން މަޝްވަރާތަކެއް ކުރެވި، އަލުން ދަނޑު އެޅުމުގެ ވާހަކަތައް ދެކެވެން ފެށި އެވެ.

ގަތަރުގެ ސަރުކާރުން މަސައްކަތްކުރާ އުސޫލަށް ބަލާއިރު އެ ގައުމުން އެ ފަދަ އިންވެސްޓްމަންޓްތައް ކުރަނީ އެ ގައުމުގެ ވިޔަފާރިތަކުގެ ތެރެއިންނެވެ. އެ ގޮތުން ރާއްޖޭގައި އަޅާ އާ ސްޓޭޑިއަމްގެ ކަންތައްތައް ފެށީ މުވާސަލާތީ ކުންފުނި އުރީދޫ މެދުވެރިކޮށެވެ. އުރީދޫ މޯލްޑިވްސްގެ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރަޖިސްޓްރީކުރުމާ ގުޅިގެން ދަރުބާރުގޭގައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި ހަފްލާއެއްގައި އެ ކުންފުނިން ވަނީ ރާއްޖޭގައި އަޅާ ބައިނަލްއަގްވާމީ ފުޓްބޯޅަ ދަނޑުގެ ވާހަކަތައް އަލުން އިއުލާނުކޮށްފަ އެވެ. ހުޅުމާލޭގައި އަޅާ މި ދަނޑުގެ މަސައްކަތް ފަށައި 2022 ގެ ކުރިން ނިންމާލާނެ ކަމަށް އޭރު ބުންޏެވެ.

އެހެން އެކަން އޮއްވައި އާ ސްޓޭޑިއަމްގެ އަޑު މަޑުވެގެން ދިޔައީ ރާއްޖޭން 2017 ވަނަ އަހަރުގެ ޖޫން މަހު ގަތަރާ ގުޅުން ކަނޑާލި ހިސާބުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އާ ސްޓޭޑިއަމެއްގެ މަސައްކަތް ކުރިން ވެސް ކޮންމެވެސް ވަރަކަށް ކުރެވުނު ކަމަށާއި އެ ފަހަރު ވެސް ދިމާވީ ކުރިން ޖެހިފައި އޮތް ބިމުގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. ބައްސާމް "މިހާރަ"ށް ވިދާޅުވީ އާ ސްޓޭޑިއަމެއްގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.

"މިދިޔަ ސަރުކާރުގައި ގަތަރާ އެކު ވަރަށް ކުރިއަށްދިޔަ މަޝްވަރާތަކެއް އެއީ ގަތަރުން އަޅުގަނޑުމެންނަށް ސްޓޭޑިއަމެއް ދެއްވުން. ހުޅުމާލޭގައި މި ސްޓޭޑިއަމް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދިޔަ. އެހެން ނަމަވެސް އޭރު މަސައްކަތް މަޑުޖެހިގެންދިޔައީ އޭވިއޭޝަންގެ ގަވައިދު ބުނާގޮތުން ވަކި އުސްމިނަކަށް އޭތި ނެގުމާއި މި ކަހަލަ މަސައްކަތްތަކެއް އޭގެ ތެރޭގައި ހައްލުނުވެގެން މަޑުވެގެން ދިޔައީ. ދެން އެ ފަހުން ދިމާވި ކަންތައްތަކަކާ ހުރެ މަޑުޖެހިފައި އޮތީ،" ބައްސާމް ވިދާޅުވި އެވެ.

"މިއީ ޝަވީދު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގައި ހުރިއިރު ގަތަރާ މަޝްވަރާ ކުރި ދަނޑު. ފަހުން މީގެ މަޝްވަރާތައް ދެ ގައުމުގެ ސަރުކާރުގެ ލެވެލްގައި ކުރެވިގެންދިޔައީ."

ގައުމީ ފެންވަރުގެ އާ ދަނޑެއް އަޅާއިރު އަދިވެސް އިސްކަމެއް ދޭން ޖެހެނީ މާލެ ސަރަހައްދުގައި ދަނޑެއް ތަރައްގީކުރުމަށް ކަމަށާއި އެ ގޮތުން ދަނޑު އަޅަން އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ފެންނަނީ ހުޅުމާލޭގެ ދެ ވަނަ ފޭހުގައި ކަމަށެވެ.

"މަޝްވަރާތައް އަޅުގަނޑު އެބަކުރަން މިހާރުގެ ސަރުކާރާ އެކު ވެސް. މިހާރުގެ ރައީސް ވެސް ބޭނުންވޭ އެހެން ދަނޑެއް ފުޓްބޯޅަ އަށް އޮންނަން. އެހެންވީމަ އަޅުގަނޑަށް ހީވަނީ އިތުރު ދަނޑެއް ލިބުން ވެސް މިއީ ވަރަށް ކައިރީގައި އޮތް ކަމެއް،" ބައްސާމް ވިދާޅުވި އެވެ. "ހުޅުމާލެ ފޭސް ޓޫ ވެސް އެބައޮތް. އަޅުގަނޑު ގަބޫލުކުރާހިތް އޮތީ އާ ސްޓޭޑިއަމެއް ލިބުމުގެ ކަންތައްތައް ވެސް މި އޮތީ ވަރަށް ކައިރީގައޭ. އެކަމަކު އުނދަގޫތަކެއް އެބަހުރި އަދިވެސް."

އެފްއޭއެމުން ވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ދިވެހި ފުޓްބޯޅަ ކުރިއަރުވަން ގަތަރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު، އެ މުބާރާތަށް ތައްޔާރުވާން ކޭމްޕުކުރީ ގަތަރުގަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ދިގުލައިގެން ގޮސް އެކި މައްސަލަތައް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ގަލޮޅު ދަނޑަށް ފުޓްބޯޅަ އެކީ ބަރޯސާވެފައި އޮންނަ އޮތުމެވެ. ބައްސާމް ވިދާޅުވީ ގަލޮޅު ދަނޑު އެކި ކަންކަމަށް ބޭނުންކުރުމުން އެއީ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ހުރިހާ ކަމެއްގެ ހައްލަކީ މި ސަރަހައްދުގައި އިތުރު ދަނޑެއް އޮތުން ކަމަށެވެ.

"ސީޒަން ދިގުލައިގެންދާ އެންމެ ބޮޑު އެއް ސަބަބެއް ޖުލައި 26 އަށް ދަނޑު ނެގުން. އެކަމަކު އޭގެ ޝަކުވާ ވެސް ކުރެވޭކަށެއް ނެތް. ފުޓްބޯޅަ ނޫން ހަރަކާތެއް ބާއްވަން ވެސް އެންމެ ގިނަ ބަޔަކަށް ޖަމާވެވެން މި އޮތް ތަނަކީ ވެސް ހަމަ ގަލޮޅު ދަނޑު މި ވަގުތަށް ބަލާއިރު. އެއީ މައްސަަލައެއް ނޫން. މިކަން ހައްލުކުރެވޭނެ ގޮތަކަށް އޮތީ އަޅުގަނޑުމެންނަށް ދެ ވަނަ ދަނޑެއް މި މާލެ ސަރަހައްދުގައި ބޭއްވިގެން،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ވަނީ އަތޮޅުތަކަށް ފުޓްބޯޅަ ފުޅާކުރުމުގެ ގޮތުން 18 ރަށެއްގައި މި އަހަރު ވިނަ ދަނޑުތަކެއް އަޅަން ނިންމައިފަ އެވެ. އެ މަސައްކަތް ފެށުން ލަސްވެފައި އޮތީ ސަރުކާރުން އެ ބިންތައް އެފްއޭއެމާ ހަވާލުކުރުން ލަސްވެފައިވާތީ ކަމަށް ދާދި ފަހުން އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި މިހާރު އަންނަނީ ޓާފް ދަނޑު އަޅަމުންނެވެ. އެ ގޮތުން ދާދި ފަހުން އދ. މަހިބަދޫގައި ވެސް ވަނީ ފެންވަރު ރަނގަޅު ޓާފް ދަނޑެއް އަޅައިފަ އެވެ. ޓާފް ދަނޑު އަޅާފައި ހުރި އެހެން ރަށްތަކަށް ބަލާއިރު ޅ. ނައިފަރާއި ހިންނަވަރު އަދި ކުރެންދޫ ހިމެނެ އެވެ.