20 ޖެނުއަރީ 2019 - 17:46

ކ. ތުލުސްދޫގައި މިއަދު މޫދަށް އެރި އުޅުނު ޕާކިސްތާނު މީހަކު ގެނބިއްޖެ އެވެ.
ފުލުހުން ބުނީ، އެ މީހާ ގެނބިފައި ވަނީ މިއަދު މެންދުރު ފަހު 3:30 ހާއިރު ކަމަށެވެ.
ގެނބުނު މީހާ އަށް ތުލުސްދޫ ހެލްތު ސެންޓަރުގައި އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތުލުސްދޫގައި މިއަދު މީހަކު ގެނބިފައި ވަނީ ހަނީމޫނަށް މި މަހުގެ ކުރީކޮޅު ރާއްޖެ އައި ފިލިޕީންސްގެ ދެމަފިރިއަކު މަރުވެފައި ވަނިކޮށެވެ. އެ ދެމަފިރިން ވެސް މަރުވީ ގެނބިގެންނެވެ.
އޭގެ ފަހުން، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ހިނގި ދެ ހާދިސާއެއްގައި ދެ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ.
ރާއްޖޭގެ ރިސޯޓު އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ ތެރެއިން ގެނބިގެން މަރުވެފައިވާ މީހުންގެ ތަފާސްހިސާބު ފެންނާކަށް ނެތެވެ.