ޑރ. ޒާހިރު އެޑިއުކޭޝަނަށް ބަދަލުކުރައްވައި ޝަހީމް އައިޔޫއެމްގެ ޗާންސެލަރަކަށް ހަމަޖައްސަވައިފި
ޑރ. ޒާހިރު އެޑިއުކޭޝަނަށް ބަދަލުކުރައްވައި ޝަހީމް އައިޔޫއެމްގެ ޗާންސެލަރަކަށް ހަމަޖައްސަވައިފި

އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ޗާންސެލަރުގެ މަގާމުން ޑރ. މުހައްމަދު ޒާހިރު ހުސެއިން ވަކިކުރެއްވުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރަކަށް އޭނާ ހަމަޖައްސަވައި އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރަކަށް ހުންނެވި މުހައްމަދު ޝަހީމް އަލީ ސައީދު، ރައީސް އަބްދުﷲ ޔާމީން މިއަދު ޗާންސެލަރަކަށް އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ވަނީ އެކަން ދެންމެއަކު އިއުލާންކޮށްފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި އެޑިއުކޭޝަނާއި ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ޒާހިރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރަކަށް ހަމަޖެއްސެވީ ޖުލައި 2015ގަ އެވެ. އިސްލާމިކް ޔުނިވަސިޓީ އުފެއްދުމަށް ފަހު އެ ތަން ޒާހިރުއާ ހަވާލުކުރެއްވި އިރު އޭނާ ހުންނެވީ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރަކަށެވެ.

އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރަކަށް ޝަހީމް އައްޔަންކުރެއްވީ ޒާހިރުއާ އެކު އެވެ. އެއީ އޭގެ ދެ މަސްދުވަސް ކުރިން އިސްލާމިކް މިނިސްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވި ފަހުންނެވެ.

ޗާންސެލަރަކީ މިނިސްޓަރުން ފެންވަރުގެ މަގާމެކެވެ. އެކަމަކު، ޒާހިރު އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރަކަށް ހަމަޖެއްސެވީ އެ ފެންވަރުގައި ކަމެއް ނޭނގެ އެވެ.