އަހަރުގެ ފުރަތަމަ 100 ކްރޯޑް ވިކީ ކޯޝަލްގެ "އުރީ" އަށް
އަހަރުގެ ފުރަތަމަ 100 ކްރޯޑް ވިކީ ކޯޝަލްގެ "އުރީ" އަށް

މި އަހަރު 100 ކްރޯޑްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުގެ މަގާމު ވިކީ ކޯޝަލްގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަށް ލިބިއްޖެ އެވެ.

މި މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި މި އެކްޝަން ފިލްމަށް އިންޑިއާ އިން ލިބުނު އާމްދަނީ 100 ކްރޯޑަށް އެރީ ރިލީޒް ކުރިތާ 10 ދުވަހުގެ ތެރޭގަ އެވެ. އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން "އުރީ" އަށް އާދީއްތަ ދުވަހާ ހަމައަށް ވަނީ 126.38 ކްރޯޑް ރުޕީސް ލިބިފަ އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަދިތިޔާ ދާރް ލިޔެ، ޑައިރެކްޓް ކުރި ފިލްމު ހަދަން ހޭދަކޮށްފައި ވަނީ 45 ކްރޯޑް ރުޕީސް އެވެ.

ކްރިޓިކުން ވެސް ވަރަށް ބޮޑަށް ތައުރީފު ކުރި "އުރީ" އަކީ 2016 ވަނަ އަހަރު ކަޝްމީރުގެ އިންޑިއާ ފަޅީގައި ތިބޭ އެ ގައުމުގެ އަސްކަރިއްޔާގެ ބޭސްއަކަށް، ޕާކިސްތާންގެ ޓެރަރިސްޓުންތަކެއް ހަމަލާދީ، އިންޑިއާ ސިފައިންގެ 19 އޮފިސަރަކު މަރައިލި ހާދިސާއާ ގުޅިގެން ރައްދުގައި އިންޑިއާ އިން ހިންގި ސާޖިކަޕް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

އަރަމުން އަންނަ ޒުވާން އެކްޓަރު ވިކީއާ އެކު "އުރީ" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޔާމީ ގޯތަމް، ކިރިތީ ކުލްހާރީ، ޕަރޭޝް ރަވަލް އަދި ޓީވީ އެކްޓަރު މޯހިތު ރައިނާ އެވެ.

މި ފިލްމަކީ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ވިކީ، 30، ގެ ތިން ވަނަ ފިލްމެވެ. މިދިޔަ އަހަރު އޭނާ މުހިއްމު ރޯލްތަކުން ފެނިގެން ދިޔަ މެގްނާ ގުލްޒާރުގެ "ރާޒީ" އާއި ރާޖްކުމާރު ހިރާނީގެ "ސަންޖޫ" އަކީ މިދިޔަ އަހަރު 100 ކްރޯޑް ހަމަކުރި 13 ފިލްމުގެ ތެރެއިން ދެ ފިލްމެވެ.

ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އަންނަ އަހަރު ކަރަން ޖޯހަރު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" އެވެ.

މި މަހުގެ ތެރޭގައި ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އަނޫޕަމް ކޭރް އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ރޯލް ކުޅުނު "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" އަކީ ވަރަށް ހިނގާނެ ފިލްމެއް ކަމަށް އުންމީދު ކުރެވުނަސް އެ ފިލްމު ވަރަށް ފީކަޅާ ކަމަށް ކްރިޓިކުން ބުންޏެވެ.

އަދި މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި އިމްރާން ހާޝިމީގެ "ވާއި ޗީޓް އިންޑިއާ" އާއި ގޯވިންދާގެ "ރަންގީލާ ރާޖާ" އަކީ ވެސް ބެލުންތެރިންގެ މާ ބޮޑު ޝައުގުވެރި ކަމެއް ނެތް ފިލްމުތަކެކެވެ.

މި މަހުގެ ތެރޭގައި ދެން ރިލީޒް ކުރާނެ އެންމެ ވަރުގަދަ ފިލްމަކަށް ވާނީ އަންނަ ހުކުރު ދުވަހު ސިނަމާތަކަށް އަންނަ ކަންގަނާ ރަނާވަތުގެ ތާރީހީ ހަނގުރާމަ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.