20 ޖެނުއަރީ 2019 - 11:58

މެޑްރިޑް (ޖެނުއަރީ 20) – މެންޗެސްޓާ ޔުނައިޓެޑުން އަލަށް އުފެއްދި ސްޕޯޓިން ޑިރެކްޓަރުގެ މަގާމް ފުރުވަން، އެތުލެޓިކޯ މެޑްރިޑުގެ ސްޕޯޓިން ޑިރެކްޓަރު އަންދްރޭ ބާޓާ ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެތުލެޓިކޯގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް 2012 އިން 2017 އަށް ފުރުމަށް ފަހު ބާޓާ އަންނަނީ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އެންޓޮއިން ގްރިޒްމަން މަޑުކުރުވުން ހިމެނެ އެވެ. މީގެ އިތުރުން ސްޕެނިޝް ލީގު ކާމިޔާބުކުރުމާއި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު އެ ކްލަބް ދަތުރުކުރުމުގެ ހިއްސާ އޭނާ އަށް ވެސް ދެ އެވެ. އެހެންވެ އޭނާގެ ކޮންޓްރެކްޓް އާކުރުވަން ކްލަބުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ޔުނައިޓެޑާ ހަވާލުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޔުނައިޓެޑުން އެ މަގާމަށް ގެންނަން ބޭނުންވާ މީހުންގެ ލިސްޓުގެ ކުރީގައި ބާޓާގެ ނަން އެބައޮތެވެ. ޓޮޓެންހަމް ހޮޓްސްޕާސްގެ ހެޑް އޮފް ރެކްރޫޓްމަންޓް ޕައުލް މިޗެލް އަކީ ވެސް ލިސްޓުގައި ހިމެނޭ މީހެކެވެ. އެ މަގާމަށް ޝައުގުވެރިވާ ކަމަށް އެ ޓީމުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް ވެސް ވަނީ ބުނެފަ އެވެ.
ޔުނައިޓެޑުގެ ޓްރާންސްފާގެ މަސައްކަތް މިހާރު ބޮޑަށް ބަލަހައްޓަނީ ކްލަބުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވަޑެވެ. ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކްލަބުގެ ގޮތުގައި އޮތް ނަމަވެސް ޔުނައިޓެޑަށް މަތީ ފަންތީގެ ކުޅުންތެރިން ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭ އެއް ސަބަބަކީ، އެކަމުގެ ތަޖުރިބާކާރެއް ނެތުމެވެ. މި ސީޒަނުގައި ވެސް ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ފަސް ޑިފެންޑަރުންގެ ލިސްޓެއް ދިން ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވެ އެވެ.