21 ޖެނުއަރީ 2019 - 10:31

ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މިހާރު 955 މުވައްޒަފުން މަސައްކަތް ކުރާއިރު، އެއީ އެ ކުންފުންޏަށް ބޭނުންވާ މިންވަރަށް ވުރެ ގިނަ ބައެއް ކަމަށް ވާތީ މުވައްޒަފުންނާ ގުޅޭ ޚާއްސަ އޮޑިޓެއް ކުރަން ނިންމައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ސަރުކާރުން މިދިޔަ ޑިސެމްބަރު 30 ގައި އަލުން އައްޔަން ކުރި ސުހައިލް "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހުކޮޅު ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް އެތަނުން ވަޒީފާ ދީފައި ވެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކަނި ވެސް 125 މީހަކަށް އެޗްޑީސީން ވަޒީފާ ދިނެވެ. ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހު މުވައްޒަފުންގެ ބޯނަސްގެ ގޮތުގައި ވެސް ވަނީ 15.6 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ.
ސުހައިލް ވިދާޅުވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން އޭނާ ފެބްރުއަރީ 2015 ގައި އިސްތިއުފާ ދެއްވިއިރު، އެ ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދު 400 އަށް ނާރާ ކަމަށެވެ.
"އެކަމަކު އަޅުގަނޑު މިތަނަށް ވަން ދުވަހު [އަލުން އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަސް] މުވައްޒަފުންގެ އަދަދަކީ 955،" ހުޅުމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެކި މަރުހަލާތަކުގައި އަމަލީ ގޮތުން އުޅުއްވާފައިވާ ސުހައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބޮޑު ސަރަހައްދެއް ހިއްކާފައިވީ ނަމަވެސް އަދި މާ ބޮޑު ކަމެއް އެ ތަނުގައި ނުކުރެވޭތީ އެޗްޑީސީ އަށް އެހާ ގިނަ މުވައްޒަފުން ބޭނުންވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވެ، އިތުރުވާ ކޮންމެ މުވައްޒަފަކީ ތަނަށް ވާ ގެއްލުމެއް ކަމަށް ސުހައިލް ވިދާޅުވި އެވެ.
އެޗްޑީސީގައި 900 އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅުމަކީ ކިހާ ބޮޑު ބުރައެއްތޯ ދެންނެވުމުން ސުހައިލް ވިދާޅުވީ، ކުންފުންޏަށް ލިބޭ އާމްދަނީން މުވައްޒަފުންގެ ޚަރަދު ބެލެހެއްޓޭ ކަމަށެވެ. އެކަމަކު، އަމިއްލަ ފަރާތްތައް މެދުވެރިކޮށް ކުރުވާ މަސައްކަތްތަކަށް ފައިސާ ދިނުމުގައި ތާށިތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންގެ މުވައްޒަފަކަށް އެއްވެސް ދައްޗެއް ވާ ގޮތަކަށް ނަހަދާނަން. އެކަން ބަރާބަރަށް ކުރާނެ. ނަމަވެސް މިވެނި މުވައްޒަފެއް މި ތަނަށް ބޭނުމެއް ނުވާނެއޭ ދެންނެވޭނީ އޮޑިޓެއް ހަދާފައި. އެ އޮޑިޓް ހަދާއިރު އަޅުގަނޑުމެން ބަލަނީ މިހާރު ތިބި ސްޓާފުންގެ ތެރެއިން އެއް ތަނުން އަނެއް ތަނަށް ބަދަލުކޮށްގެން ވިޔަސް އެންމެ ރަނގަޅު ސްޓާފުން ބޭނުން ކުރަން. އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ ސްޓާފެއް ބަލާފައި ނޫނިއްޔާ އަޅުގަނޑުމެން އެއްވެސް މީހަކު ކަނޑައެއް ނުލާނަން،" ސުހައިލް ވިދާޅުވި އެވެ.
"މުވައްޒަފުން ކަނޑާލުމެއް ނޫން މުހިންމީކީ. އެކަމަކު ވެސް ތަނަށް ބޭނުންވާ ވަރަށް ވުރެ ސްޓާފުން ގިނަ ކަމަށް އަޅުގަނޑަށް ފެންނާތީ އެކްސަސައިޒެއް މި ހިންގަނީ،" އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވި ގޮތުގައި، އެޗްޑީސީގެ ބައެއް މުވައްޒަފުން މިދިޔަ ރިޔާސީ އިންތިޚާބުގައި ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތްތަކުގައި އުޅުނު ކަން ވެސް ވަނީ ފާހަގަކުރެއްވިފަ އެވެ.
އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް އެޗްޑީސީން ޚަރަދު ކުރި ކަމަށް ވެސް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލް އެނގޭނީ ކުންފުނީގެ އިންޓާނަލް އޮޑިޓް ނިމުމުން ކަމަށް ސުހައިލް ވިދާޅުވި އެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް އަންނަނީ އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ކުރަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޔާމީން ހުޅުމާލޭގައި ހިންގެވި ކެމްޕެއިން ހަރަކާތްތަކުގައި އެޗްޑީސީގެ ވެހިކަލްތަކާއި މުވައްޒަފުން ބޭނުން ކުރިކަން އޭރު އާންމު ވެފައިވާ ފޮޓޯތަކުން ވެސް ފެނެ އެވެ. އަދި ކެމްޕެއިން ހަރަކާތްތަކަށް 30 މިލިއަނެއްހާ ރުފިޔާ އެޗްޑީސީން ހަރަދު ކުރިކަން މިހާރަށް ވަނީ އެނގިފަ އެވެ.