20 ޖެނުއަރީ 2019 - 10:25

ލަންޑަން (ޖެނުއަރީ 20) – ޗެލްސީ 2-0 އިން ބަލިކޮށް އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އަރަން ކުރަމުން އަންނަ މަސައްކަތުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.
އާސެނަލް 44 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު ޗެލްސީ އޮތީ 47 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ރޭގެ މޮޅާ އެކު ދެ ޓީމުގެ މެދުގައި އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ އަލެކްސެންޑާ ލަކަޒޭ އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ދެ ވަނަ ގޯލް ޖެހީ ލޯރެން ކޮސިއެލްނީ އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން ވަނީ ރޭ ކްރިސްޓަލް ޕެލަސް އަތުން 4-3 އިން މޮޅުވެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން މިރޭ މޮޅުވެއްޖެ ނަމަ އަނެއްކާ ވެސް ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ. ލިވަޕޫލް 60 ޕޮއިންޓް ހޯދަފައިވާއިރު ސިޓީ ދެ ވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ.
ލިވަޕޫލުގެ ދަނޑުގައި ކުޅުނު މެޗުގެ 34 ވަނަ މިނެޓުގައި އެންޑޮރޮސް ޓޯސެންޑް ވަނީ ޕެލަސް އަށް ކުރި ހޯދައިދީފަ އެވެ. އޭގެ ފަހުން މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނިއޯ ލަނޑު ޖަހައި ލިވަޕޫލަށް ލީޑު ނަގައިދީފައި އޮއްވާ އަލުން ޕެލަސް އިން އެއްވަރުކުރި އެވެ. އެކަމަކު ސަލާހާއި ސަޑިއޯ މާނޭ އިތުރު ދެ ލަނޑު ޖަހައި އަނެއްކާ ވެސް ތަފާތު ބޮޑުކުރި އެވެ. ލިވަޕޫލުގެ ޖޭމްސް މިލްނާ އަށް 89 ވަނަ މިނެޓުގައި ރަތްކާޑެއް ދައްކާފައިވަނިކޮށް އޭގެ މިނެޓެއް ފަހުން ލަނޑު ޖަހައި ޕެލަސް އިން އަނެއްކާ ވެސް ތަފާތުކުޑަކޮށް ލިވަޕޫލް ހާސްކުރި އެވެ.
ރޭ މެންޗެސްޓާ ޔުނައިޓެޑް ވަނީ ބްރައިޓަން އަތުން 2-1 އިން މޮޅުވެ އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ ހަތް މެޗުން ހަތް ވަނަ މޮޅު ހޯދައިފަ އެވެ. އެކަމަކު އަދިވެސް އެ ޓީމު އޮތީ، 44 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑަށް ގޯލް ޖަހައިދިނީ ޕައުލް ޕޮގްބާ އާއި މާކަސް ރަޝްފޯޑެވެ. ބްރައިޓަންގެ ހަމައެކަނި ގޯލް މެޗުގެ ފަހުބައިގައި ޖެހީ ޕަސްކަލް ގްރޯސް އެވެ.