ޝާހްރުކްގެ "ދަ ރިންގް"ގެ ޝޫޓިންގް ޕްރާގުގައި ފަށައިފި
ޝާހްރުކްގެ "ދަ ރިންގް"ގެ ޝޫޓިންގް ޕްރާގުގައި ފަށައިފި

ޑައިރެކްޓަރު އިމްތިޔާޒު އަލީގެ "ދަ ރިންގް"ގެ މަސައްކަތް ޝާހްރުކް ޚާން ފަށައިފި އެވެ. ފިލްމުގެ ފުރަތަމަ ޝެޑިއުލް ކުރިއަށް ދަނީ ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގެ ވަރަށް ރީތި ހިސާބެއްގަ އެވެ.

ޝާހްރުކް މި ފިލްމުގައި ކުޅެނީ ޕަންޖާބީ ޓޫރިސްޓް ގައިޑެއްގެ ރޯލެވެ. އެގޮތުން ޕްރާގުގެ މަގުތަކުގައި ޝާހްރުކް ހިނގަނިކޮށް ފެނިފައިވެ އެވެ. ޝާހްރުކް ހުރީ ވަރަށް ބޮޑަށް އޭނާގެ ކެރެކްޓާއަށް ވަދެގެންކަމަށާއި މަގުން ހިނގާ ޓޫރިސްޓުންނަށް އޭނާ ގޮވަމުން ދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެ އެވެ.

ޝޫޓިން ކުރިޔަށް ދަނީ މަގުމަތީގައި ކަމަށްވާތީ ޕްރާގްގައި ތިބި ޝާހްރުކްގެ ވަރަށް ގިނަ ފޭނުންނަށް އޭނާ ހަމަ ލޮލުން ދެކިލުމުގެ ފުރުސަތު މިފަހަރު ވަނީ ލިބިފަ އެވެ. އެގޮތުން ޝޫޓިން ހިނގަމުންދިޔަ ތަނުގެ ބައެއް މަންޒަރުތައް ވެސް ބައެއް މީހުން ނަގައި ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވެ އެވެ.

މި ފިލްމުގައި ޝާހްރުކާ އެކު ހަރަކާތްތެރިވާ ބަތަލާ އަކީ އަނުޝްކާ ޝަރުމާ އެވެ. އަނުޝްކާ މިހާރު ޕްރާގަށް ގޮސްފައި ވާތީ ވަރަށް އަވަހަށް ފިލްމު ޝޫޓިންގައި ބައިވެރިވާން ފަށާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.